ރާއްޖޭގެ އެކި ސަރަހައްދުތަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކި ރަށްރަށުގައި ފިއުލް ސްޓޭޝަންތައް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 85 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ރަށްރަށުގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫއު އިފްތިތާހް ކުރީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަސްތެރޭގައެވެ. މީގެ ފުރަތަމަ ސްކިޑް އިފްތިތާހު ކޮށްފައިވަނީ ރ. ދުވާފަރުގައި މިދިޔަ އަހަރުއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު އަހުމަދު ރޭ ވިދާޅުވީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 19 ރަށެއްގައި ފިއުލް ސްކިޑް ތަރައްގީ ކުރުމަށް ރޭވިފައިވާ ކަމަށެވެ.
"ދެވަނަ ފިޔަވަހީގައި އިތުރު 15 ރަށެއްގައި ފިއުލް ސްކިޑް ގާއިމް ކުރާނެ. މި މަހުގެ ހައެއްގެ ނިޔަލަށް ދިހަ ސްޓޭޝަނެއްގައި ހިދުމަތް ދޭން ވަނީ ފަށާފައި. އެއީ ފުރަތަމަ ފިޔަވަހީގެ 19 ރަށުގެ ތެރެއިން 85 ޕަސަންޓު،" ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފިއުލް ސްކިޑްތައް ގާއިމް ކުރުމެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން މަސްވެރިންނާއި ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
އަލީ ޔާމިން
ކޮމެންޓް