އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަމަޒާން ބާޒާރު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ކުރިއަށްއޮތް ރަމަޟާން މަހާ ދިމާކޮށް މި ޕްރޮމޯޝަން އިފުތިތާހުކުރީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމެވެ.

16 ނޮވެމްބަރު 2026، އެސްޓީއޯ ރަމަޒާން ބާޒާރު ފެށުން -- ފޮޓޯ/ އެސްޓީއޯ

އަންނަ އަހަރުގެ މާޗް 10 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ތެރެއިން ގިނަ ޕްރޮޑަކްޓްތަކަކުން 50 އިންސައްތައާ ހަމައަށް އަގުހެޔޮ ވެގެންދާނެއެވެ. މީގެ އިތުރުން، ކޮންމެ ދެ ހަފުތާއަކުން، 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 5000 ރުފިޔާއަށްވުރެ މަތީ އަދަދަކަށް ވިޔަފާރިކުރައްވާ ފަރާތްތަކަށް ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާ ހޮވުމުގެ ފުރުސަތު ލިބޭނެއެވެ. ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމެއް ގޮތުގައި 100،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ޕްރޮމޯޝަން ނިމުމުން، ލަކީ ޑްރޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާ އެއް ފަރާތަކަށް މި ފައިސާގެ ބޮޑު އިނާމު ލިބޭނެއެވެ.

16 ނޮވެމްބަރު 2026، އެސްޓީއޯ ރަމަޒާން ބާޒާރު ފެށުން -- ފޮޓޯ/ އެސްޓީއޯ

ރަމަޒާން ބާޒާރު އިފުތިތާހުކުރި ހަފުލާގައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ހުޅުވަން ތައްޔާރުވެފައި ހުރި ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓްވެސް އާންމުންނަށް ވަނީ ހުޅުވާލައިފައެވެ. މި ފްރެންޗައިޒްގެ ފުރަތަމަ އައުޓްލެޓް ކުރިން ހުޅުވީ ހުޅުމާލޭގައި ކަމަށްވާ އިރު، މާލޭގައި ހުޅުވުނު ފުރަތަމަ އައުޓްލެޓަކީ މިއީއެވެ.

ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމުކުރުމުގެ ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިތުރަށް ބޮޑުކޮށް ފުޅާކޮށް، އެ ސަރަހައްދުވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

ކޮންމެ ރޯދަ މަހަކާ ގުޅިގެން ގޭބިސީތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ.