ބާޒާރުގައި އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލުނު ނަމަވެސް އެސްޓީއޯއިން ވިއްކާ ތަކެތީގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ޝޯޓޭޖެއް ނެތް ކަމަށާއި މިވަގުތު ވެސް އެކަށީގެންވާ މިންވަރަށް ސްޓޮކް އެބަހުރި ކަމަށެވެ.

ބާޒާރުގައި 170 އަށް ވިއްކަމުންދާ ކެރެޓު ކިލޯ، އެސްޓީއޯއިން މިހާރު ވިއްކަނީ 40 ރުފިޔާއަށެވެ.

މީގެ އިތުރުން އެސްޓީއޯއިން ފިޔާ ކިލޯއެއް 15 ރުފިޔާއަށް ވިއްކާ އިރު، އަލުވި ކިލޯއެއް ވިއްކަނީ 12 ރުފިޔާ އަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލުން ދައްކާ ގޮތުގައި، މިމަހުގެ ކުރީކޮޅު ބާޒާރުގެ ބައެއް ފިހާރަތަކުން ކެރެޓް ކިލޯއެއް 25-30 ރުފިޔާއަށް ވިއްކި ނަމަވެސް، މިހާރު ބައެއް ތަންތަނުގައި ކެރެޓް ކިލޯއެއްގެ އަގު ވަނީ 170 ރުފިޔާއިން މައްޗަށް އަރައިފައެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އަސާސީ ކާބޯތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބޭނެ ގޮތް މަގުފަހި ކުރުމުގައި އެ ކުންފުނިން އަބަދު ވެސް ދެމި އޮންނާނެއެވެ.