މާދަމާ އީދު އަދި ހުކުރު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދަށް ދިއުމަށް އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ މިއަހަރުގެ ބޮޑު އީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން މި ދެ ނަމާދުގެ ތެރެއިން ކޮންމެވެސް އެއްނަމާދަކަށް ދިއުމަށާއި އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނަދިއުމަކީ މިނިސްޓްރީން ބާރު އަޅާ ކަމެއް ކަމަށެވެ.

މިނިސްޓްރީން ބުުނީ އާ އާއްމު ހާލަތުގެ ދަށުން މިސްކިތްތައް ހުޅުވުމުގެ ގޮތުން އިލްތިމާސް ކޮށްފައިވާ ގޮތަށް އީދު ނަމާދަށްވެސް ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނާއި ފުއްޕާ މޭގައި މައްސަލަ ހުންނަ މީހުންނާއި ދުވަސްވީ މީހުންނާއި ބަލީގެ އަލާމާތެއް ހުންނަ މީހުން މިސްކިތަށް ނުދިއުމަށް އެދޭ ކަމަށެވެ.

މިނިސްޓްރީން ވަނީ މިސްކިތަށް ދާއިރު ކޮންމެ މީހަކުވެސް އަމިއްލަ މުސައްލައެއް ގެނައުމަށް އިލްތިމާސްކޮށްފައެވެ. އަދި އެކަކު އަނެކަކުގެ މުސައްލަ މައްޗަށް މުސައްލަ ނޭޅުމަށާއި އެމީހެއްގެ މުސައްލަ މަތީގައި ހުރެގެން ނަމާދު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

"ކޮންމެ ބޭފުޅަކުވެސް މާސްކް އަޅައިގެން ވަޑައިގަތުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އެދެން،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑު ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް މިނިސްޓްރީގެ ފަރާތުން ނިންމާފައިވާއިރު މާލެ ސިޓީގައި އީދު ނަމާދު ކުރުން މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ހަމަޖެހިފައިވާނެ ކަމަށެވެ. ނަމަވެސް އަންހެނުން އީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގެ އިސްލާމީ މަރުކަޒު، ވިލިމާލޭގެ މަސްޖިދުލް ބިއްރި އަދި ހުޅުމާލޭގެ މަސްޖިދުލް އަޒީޒާ މޫސާގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމާފައިވާއިރު ފިތުރު އީދު އައިއިރު ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތުމުން ފިތުރު އީދު ނަމާދު ވެސް ކުރަން ޖެހިފައިވަނީ ގޭގައި ތިބެގެންނެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައިފައެވެ. މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ އަލުން ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެންނެވެ.

މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް ޖަމާއަތުގައި ހުކުރު ކުރަން ހުއްދަ ދީފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.