ލ. ފޮނަދޫގައި ކަރަންޓީންގައި ހުރި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ އެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންހެން މީހާގެ ބަނޑަށް ދަރިފުޅު މަރުވީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ. ނަމަވެސް އަންހެން މީހާގެ ބަނޑަށްވީ ކިތައް ދުވަސް ކަމެއް ނޭނގެ އެވެ. ކަމުގެ ގޮތުން ހެލްތް މިނިސްޓްރީން ވެސް އެފަދަ މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އެކަން ރިޕޯޓްކުރި ދުވަހުން ފެށިގެން ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.

ބަނޑަށް ދަރިފުޅު މަރުވުމުން އަމަލުކުރަންޖެހޭ މެޑިކަލް ގައިޑްލައިންތަކެއް އޮންނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ބަނޑަށް ދަރިފުޅު މަރުވުމުން ވަގުތުން ނަގަން ނުޖެހޭނެ ކަމަށެވެ. އަދި ބަނޑަށް ދަރިފުޅު މަރުވާތާ ދެ ހަފްތާ ވަންދެން ވެސް ބަނޑުގައި ދަރިފުޅު ބޭއްވިދާނެ ކަމަށާއި ނަމަވެސް އެކަން ނިންމާނީ އެ ހާލަތަކަށް ބެލުމަށްފަހުގައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ތަސްލީމާ ވިދާޅުވި އެވެ.

ބަނޑަށް މަރުވި ދަރިފުޅު ނުނެގެނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެކަމަށް ބޭނުންވާ ބޭސް ނެތިގެން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ތަސްލީމާ ވިދާޅުވީ، ދަރިފުޅު ނެގުން ލަސްވީ އަންހެން މީހާ ކަރަންޓީނުގައި ހުރެގެން ނޫން ކަމަށާއި އެކަމަށް ބޭނުންވާ ބޭސް ވެސް ހޮސްޕިޓަލުގައި އެބަހުރި ކަމަށެވެ. އަދި އިތުރަށް ބޭސް ބޭނުންވެދާނެ ކަމަށް އެ ބޭސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާދަމާ އެ އަންހެން މީހާގެ މެޑިކަލް ޕްރޮސީޖާއެއް ހެދުމަށްފަހު ބަނޑަށް މަރުވި ދަރިފުޅު ނަގާނެ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފު ވެސް ވިދާޅުވީ، ބަނޑަށް ދަރިފުޅު މަރުވި ނަމަވެސް ބަނޑު ތެރޭގައި އޮވެ ކުއްޖާ ކުންޏެއް ނުވާނެ ކަމަށެވެ. އެގޮތުން ކުއްޖާ މަރުވާކަން ކަށަވަރުވީ ދުވަހުން ފެށިގެން ދެ ހަފްތާ ދުވަސް ވެސް ކުއްޖާ ބަނޑުން ނުނަގައި ބޭއްވިދާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެކަން އެގޮތަށް ނިންމުމުގައި ބަނޑަށް ވެފައިވާ މުއްދަތާއި އެހެނިހެން ކަންކަމަށް ބަލާނެ ކަމަށް ޑރ. ނިޔާފު ވިދާޅުވި އެވެ. އެގޮތުން ވިހަން ކައިރިވެފައި ވަނިކޮށް ކުއްޖާ ބަނޑަށް މަރުވެއްޖެނަމަ ހަފްތާއަކަށް މަޑުކުރެވިދާނެ ކަމަށާއި އަދި އެއަށްފަހު ވިހަންދޭ ބޭސް ދިނުމަށްފަހު ބަނޑު ތެރެއިން ކުއްޖާ ނެގިދާނެ ކަމަށެވެ.

ދުވަސް ނުފުރާ ނުވަތަ އާލީ ޕްރެގްނެންސީއެއް ނަމަ ކުއްޖާ ގުދުރަތީ ގޮތުން ބައިގެންދާނެ ކަމަށާއި އެކަން ބެލުމަށް ބައެއް ފަހަރު ހަފްތާއެއްހާ ދުވަސް މަޑުކުރުމަށްފަހު، ބޭސްދީ ކުޑަ ސާޖަރީއެއް ހަދާނެ ކަމަށް ޑރ. ނިޔާޒު ވިދާޅުވި އެވެ. ޑޮކްޓަރު އިތުރަށް ވިދާޅުވީ، މިކަހަލަ ކޭސްތަކުގައި ސިޒޭރިއަން ހެދުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

އެއީ ސިޒޭރިއަން ހެދޭނީ ގިނަވެގެން ތިން ފަހަރު ކަމަށްވެފައި އަދި ސިޒޭރިއަން ހަދަން ކަފަން ޖެހެނީ އެއް ތަނެއް ކަމުން، ތިން ފަހަރަށްވުރެ ގިނަ ފަހަރު ހަދަން ޖެހިއްޖެނަމަ ވީދައިގެން ދިއުމުގެ ފުރުސަތު އޮތުން ކަމަށް ވިދާޅުވި އެވެ.