ހައްޖުވުމުގެ ހުއްދަ ނެތި ހަރަމްފުޅަށް ވަންނަން އުޅުނު 244 މީހަކު ސައުދީ ފުލުހުން މިފަހަރު ހައްޔަރުކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައިވެސް، ހުއްދަ ނެތި އުސޫލުތަކާ ހިލާފަށް މައްކާއަށާއި ހަރަމްފުޅަށް އެތެރެވާން އެކި ގައުމުތަކުގެ މީހުން މަސައްކަތްކުރެއެވެ. ނަަމަވެސް އެހެން އަހަރުތަކާ ހިލާފަށް މިއަހަރަކީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާ އަހަރެކެވެ. އެއީ ނުރައްކާތެރިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުންނެވެ.

އެކަމުގެ ސަބަބުން މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައިވަނީވެސް ސައުދީ ރައްޔިތުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ 160 ގައުމެއްގެ ރައްޔިތުންގެ ތެރެއިން 10،000 އެެއްހާ މީހުންނަށެވެ.

ސައުދީ ސަރުކާރާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ، ހައްޔަރުކުރި 244 މީހުންނަކީ ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވެފައިވާ ބައެއް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ ފަތާތްކާ މެދު ހަރުކަށި ފިޔަަވަޅު އަޅާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ އަންގައިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ ހައްޖުވެރިން، ހައްޖުގެ އެންމެ ފަހުގެ ރުކުންތައް އަދާކުރުމުގެ ކަންތައް މިހާރުވަނީ ފަށައިފައެވެ. އެގޮތުން މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހައްޖުވެރިން ރޭ ފަތިހުހެ ދަތުރާއެކު މިހާރު ތިބީ އަރަފާތު ބިމަށް ޖަމާވެފައެވެ.

އަރަފާތު ބިމަށް ޖަމާވުމަކީ، ހައްޖުގެ އެންމެ މުހިއްމު އަދި އެންމެ މަތިވެރި ރުކުނެވެ. އެ ރުކުނަކީ، އެއާ ނުލައި ހައްޖުގެ މާތް އަޅުކަން ފުރިހަމަ ނުކުރެވޭނޭ ރުކުނެކެވެ.

އަރަފާތު ދުވަހުގެ އިރު އޮއްސުމުގެ ކުރީން އަރަފާތު ބިމަށް ނުދެވިއްޖެ ނަމަ ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ. އެހެންކަމުން މި މުހިއްމު ރުކުން އަދާކުރުމަށް ހައްޖުގައި ބައިވެރިވާ އެންމެން މިއަދު އަރަފާތަށް ޖަމާވާން ޖެހޭނެއެވެ.

މިނާގައި ތަރްވިޔާގެ ދުވަސް ހޭދަ ކުރުމަށްފަހު، މިނާއިން އަރަފާތު ބިމަށް ދިޔުމަށް ހައްޖުވެރިން ދަތުރުފެށީ ރޭގެ ފަތިސްނަމާދަށް ފަހުގައެވެ. އަރަފާތު ބިމުގައި މިއަދު އިރު އޮއްސެންދެން އަޅުކަންކުރުމުގައި ހޭދަކުރުމަށް ފަހު ހައްޖުވެރީން ދެން ޒިޔާރަތްކުރާނީ މުޒްދަލިފާއަށެވެ.

ސައުދީ އަރަބިއްޔާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު، ހައްޖުވެރިން އަރަފާތުބިމަށް ޖަމާވެފައިވަނީ، ވަރށް ފަސޭހަކަމާއެކު އެހާމެ އަވަހަށެވެ. އެއީ ކޮވިޑާ ގުޅިގެން މިއަހަރުގެ ހައްޖުގައި މަދު ބަޔަކު ބައިވެރިވެފައިވާތީ، ދަތުރުކުރުމުގައި އެހެން ފަހަރުތަކާ ހިލާފަށް ފަސޭހަވެ، ތޮއްޖެހުން ކުޑަވެ މަގުތައް އަމާން ވެފައިވާތީއެވެ.

ހައްޖުގެ އަޅުކަން ތަރުތީބު ކުރެވިފައިވާގޮތުން، އަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މިއަދުގެ މެންދުރު ނަމާދަށް ފަހު ހައްޖު ހުތުބާ ދިނުން އޮންނާނެއެވެ. އަދި މިއަދު އިރުއޮއްސޭން ފެށުމާއެކު ހައްޖުވެރިން މުޒްދަލިފާއަށް ދަތުރު ފަށާނެއެވެ.

މި ރެއަކީ އަލުހާ އީދުވިލޭރެއެވެ. މިރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ.

އާންމު ގޮތެއްގައި ހައްޖުވެރިން މުޒްދަލިފާގައި ތިބުމަށް ފަހު މިރޭ ފަތިހު އަނެއްކާ ވެސް މިނާއަށް ޖަމާވުމަށްޓަކައި ދަތުރު ފަށާނެއެވެ. އެއީ ޖަމްރާތަކަށް ހިލަ އުކުމަށްޓަކައެވެ.