މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.

އަރަފާތު ބިމަށް ޖަމާވުމަކީ، ހައްޖުގެ އެންމެ މުހިއްމު އަދި އެންމެ މަތިވެރި ރުކުނެވެ. އެ ރުކުނަކީ، އެއާ ނުލައި ހައްޖުގެ މާތް އަޅުކަން ފުރިހަމަ ނުކުރެވޭނޭ ރުކުނެކެވެ. އަރަފާތު ދުވަހުގެ އިރު އޮއްސުމުގެ ކުރީން އަރަފާތު ބިމަށް ނުދެވިއްޖެ ނަމަ ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެ އެވެ.

އެހެންކަމުން މި މުހިއްމު ރުކުން އަދާކުރުމަށް ހައްޖުގައި ބައިވެރިވާ އެންމެން މިއަދު އަރަފާތަށް ޖަމާވާން ޖެހޭނެ އެވެ.

މިނާގައި ތަރްވިޔާގެ ދުވަސް ހޭދަ ކުރުމަށްފަހު، މިނާއިން އަރަފާތު ބިމަށް ދިޔުމަށް ހައްޖުވެރިން ދަތުރުފެށީ ރޭގެ ފަތިސްނަމާދަށް ފަހުގަ އެވެ. އަރަފާތު ބިމުގައި މިއަދު އިރު އޮއްސެންދެން އަޅުކަންކުރުމުގައި ހޭދަކުރުމަށް ފަހު ހައްޖުވެރީން ދެން ޒިޔާރަތްކުރާނީ މުޒްދަލިފާއަށެވެ.

ސައުދީ އަރަބިއްޔާގެ ހަބަރު ފަތުރާ ވަޒީލަތްތަކުން ބުނެފައިވަނީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު، ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެފައިވަނީ، ވަރަށް ފަސޭހަ ކަމާއެކު އެހާމެ އަވަހަށް ކަމަށެވެ. އެއީ ކޮވިޑްގެ ސަބަބުން މިއަހަރުގެ ހައްޖުގައި މަދު ބަޔަކު ބައިވެރިވެފައިވާތީ، ދަތުރު ކުރުމުގައި އެހެން ފަހަރުތަކާ ހިލާފަށް ފަސޭހަ ވެ ތޮއްޖެހުން ކުޑަވެ މަގުތައް އަމާން ވެފައިވާތީއެވެ.

ކޮވިޑާއި ގުޅިގެން މި އަހަރުގެ ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ސައުދީ ރައްޔިތުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ 160 ގައުމެއްގެ ރައްޔިތުންނަށް އެކަންޏެވެ.

ހައްޖުވެރިން އަރަފާތު ބިމުގައި ތިބޭއިރު ތަލްބިޔާ ކިއުމާއި ދުއާ ކުރުމާއި އަޅުކަމުގައި ވަގުތު ހޭދަ ކުރާނެއެވެ.

އަރަފާތު ބިމުގައި ހުންނަ އެންމެ މުހިއްމު ތަނަކީ އަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއްރަހުމާއެވެ. އެއީ މީގެ 14 ގަރުނުގެ ކުރިން ކީރިތި ރަސޫލާ ކުރެއްވި ވަދާއީ ހައްޖު، ހައްޖަތުލް ވަދާއުގައި ހުތުބާ ދެއްވިތަނެވެ. އަރަފާތުބިމަށް އެއްވާ މީހުންގެ ތެރެއިން ކޮންމެ މީހަކުވެސް އެ ފަރުބަދައިގެ ކިތަންމެ ކުޑަ ތަންކޮޅެއްގައިވެސް މަޑުކޮށްލަން މަސައްކަތް ކުރެވެ.

ހައްޖުގެ އަޅުކަން ތަރުތީބު ކުރެވިފައިވާގޮތުން، އަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މިއަދުގެ މެންދުރު ނަމާދަށް ފަހު ހައްޖު ހުތުބާ ދިނުން އޮންނާނެ އެވެ. އަދި މިއަދު އިރު އޮއްސޭން ފެށުމާ އެކު ހައްޖުވެރިން މުޒްދަލިފާއަށް ދަތުރު ފަށާނެއެވެ.

މި ރެއަކީ އަލުހާ އީދުވިލޭރެ އެވެ. މިރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގަ އެވެ.

އާއްމު ގޮތެއްގައި ހައްޖުވެރިން މުޒްދަލިފާގައި ތިބޭއިރު ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި އެތަނުން ހިލަ ހޮވައި އެއްކުރެއެވެ. އެއަށްފަހު ފަތިހު އަނެއްކާވެސް މިނާއަށް ޖަމާވުމަށް ޓަކައި ދަތުރު ފަށާނެއެވެ.

ނަމަވެސް ކޮވިޑްގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެދަށުން، މިފަހަރު ހިލަ ހޮވުމުގެ ބަދަލުގައި، ޖަމްރާތަކަށް އުކުމަށްޓަކައި ސްޓްރެލައިޒްކޮށްފައިވާ ހިލަ ޕެކެޓްތަކެއް ސައުދީ ސަރުކާރުން ވަނީ ހައްޖުވެރިންނަށް ދޭގޮތަށް ހަމަޖައްސައިފައެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ސައުދީ ސަރުކާރުން މިފަހަރު ވަނީ އަޅައިފައެވެ.

ސައުދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، މިފަހަރުގެ ހައްޖުވެރިންގެ ތެރެއިން ހައްޖުވެރިން ގްރޫޕު ތަކަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައިވެސް ޑޮކްޓަރެއް ހިމެނޭ ގޮތަށް ވަގުތުން ވަގުތަށް ހުރިހާ މައުލޫމާތެއް ޓެކްނޮލިޖީގެ ޒަރީއާއިން އެއްބަޔަކު އަނެއްބަޔަކާ އަންނަނީ ހިއްސާ ކުރަމުންނެވެ. އަދި ހައްޖުވެރިން ތިބޭ ހޮޓާތަކުގައިވެސް ވަނީ ވަރަށް މަތީ ދަރަޖައަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ.

މީގެ އިތުރުން މިސްކިތްތަކާއި އަރަފާތު ބިމާއި މުޒްދަލިފާގައިވެސް ހައްޖުވެރިން ދުރުދުރުގައި ތިބެން ޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި، ކޮންމެ މީހަކަށްވެސް އެމީހެއްގެ ޖާގަ ވަނީ ކަނޑައަޅައިފައެވެ. ގެފުޅު އަރިހުގައި ތޮވާފު ކުރުމަށްވެސް ވަނީ ގައިދުރު ކޮށްގެން ތޮވާފު ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިފައެވެ.