ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން، މައްކާއާއި މަދީނާގައި ހައްޖުވެރިން ތިބުމަށް ހަމަޖައްސާ ތަންތަނުގެ ގަވާއިދުތަކާއި މިންގަނޑުތަކަށް ގެނައި އާ ބަދަލުތައް ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާސްކޮށްފިއެވެ.

އަރަބް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަދަލުތަކުގެ ދަށުން ހައްޖުވެރިން ތިބޭ ތަންތަން މައިގަނޑު ދެ ގިންތިއަކަށް ބަހާލާނެއެވެ. އެއީ އިކޮނޮމީ އަދި ފަސްޓް ކްލާހެވެ. މި އާ މިންގަނޑުތަކުގެ ދަށުން ކޮޓަރިތަކާއި، ރިސެޕްޝަން އޭރިއާތަކާއި، ސާފުތާހިރުކަމާއި، މެއިންޓަނަންސްގެ އިތުރުން މެހެމާނުންނަށް ދޭ ހިދުމަތްތަކަށް ވަކި ހާއްސަ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހާއްސަ ޝެޑިއުލެއް ވެސް އެ ވުޒާރާއިން ވަނީ ފާސްކޮށްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަރުޖަމާނު ނަސްރު އަލްއަންސާރީ ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެނައީ ހިދުމަތް ދޭ ތަންތަނުގެ ތައްޔާރީތައް ރަނގަޅުކޮށް، ހައްޖުވެރިންނާ ހަވާލުވުމުގެ ކުރިން އެ ތަންތަނަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަންކަން ކަށަވަރުކުރުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ހައްޖުވެރިންނަށް ރައްކާތެރި އަދި އިންތިޒާމުވެފައިވާ މާހައުލެއް ފޯރުކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެކި މަރުހަލާތަކަށް ބަހާލައިގެން އިންސްޕެކްޝަންތައް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. އެގޮތުން، ލައިސަންސް ދޫކުރުމުގެ ކުރިންނާއި، ހިދުމަތް ދޭން ފެށުމުގެ ކުރިން އަދި ހިދުމަތް ދެމުންދާ މުއްދަތުގެ ތެރޭގައި ވެސް މި ތަންތަން އިންސްޕެކްޓުކުރާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އަންނަ އަހަރުގެ ހައްޖު މޫސުމުގައި ހިދުމަތް ދިނުމަށް ލައިސަންސް ހޯދަން ބޭނުންވާ ފަރާތްތަކުން، ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން މެއިންޓަނަންސްގެ މަސައްކަތްތައް ނިންމައި ޝަރުތުތައް ފުރިހަމަކުރުމަށް ސައުދީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ.