ގއ. ފުޅަދޫ (ފަރެހުޅުދޫ) އޭ ކިޔާ ރަށުގައި "ޑީކޯ ޗެމްބަރ" އެއް ގާއިމްކޮށް، ހިލޭ ސާބަހަށް ހިދުމަތް ދިނުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެއްބާރުލުން ނުދެއްވައި ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެމަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެންބަރު ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ގިނަ ރައްޔިތުންނަކީ މިހާރުވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ބައެއް ކަމަށެވެ. ނަމަވެސް ދޯނި ފަހަރަށް ބޭނުންވާ މިންވަރާ ގާތަށްވެސް ރާއްޖޭން އެން ނުލިބޭތީ ޑައިވްކޮށްގެން އެން ހިފުމަށް މަސްވެރިންނަށް މަޖުބޫރު ވެފައިވާ ކަމަށެވެ.

އެން ހިފުމަށް ޑައިވްކުރާ ފަރާތްތައް ޑީކޯ ވުމަކީ މިހާރު އާއްމުކޮށް ކުރިމަތިވަމުންދާ ނުރައްކަލަކަށްވާތީ، ފުޅަދޫގައި ޑީކޯ ޗެމްބަރެއްގެ ފެސިލިޓީ ގާއިމްކޮށް، ހިލޭ ސާބަހަށް ހިދުމަތް ދިނުމުގެ ހުއްދައަށް އެދި ފިޝަރީޒް މިނިސްޓަރަށް ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުއްވާފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވެފައި ވެއެވެ. ނަމަވެސް ޝައުގުވެރިކަން ގެންގުޅޭ ނަމަ، ގދ. ތިނަދޫގައި އެފަދަ ފެސިލިޓީ ގާއިމް ކުރުމަށާއި، އެފަދަ މަސައްކަތްތަކަށް ފަޅުރަށްރަށަށް ދޫކުރުމަކީ މިނިސްޓްރީގެ ސިޔާސަތަކަށް ނުވާތީ، އެ މަސައްކަތަށް ފުޅަދޫ ހަމަޖައްސަވައިދެވެން ނެތްކަމަށް މިނިސްޓަރު ޖަވާބު ދެއްވާފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވެފައި ވެއެވެ.

ޖާބިރު ވިދާޅުވެފައިވަނީ އެރަށުގައި ޑީކޯ ޗެމްބާގެ ފެސިލިޓީއެއް ގާއިމްކުރުމުގެ ފުރުސަތަށް އެދިފައިވަނީ، މަސްވެރިންނަށް ކުރިމަތި ވެފައިވާ ޑީކޯ ވުމުގެ ބިރުވެރިކަމުން އެފަރާތްތައް ސަލާމަތްވާނޭ ގޮތުގެމަތިން "ހެޔޮ ނިޔަތުގައި" ހިލޭ ސާބަހަށް ހިދުމަތް ދިނުމަށް ގަސްތު ކޮށްގެން ކަމަށެވެ.

ނަމަވެސް އެމަސައްކަތަށް މިނިސްޓަރު ޒަހާ އެއްބާރުލުން ނުދެއްވައި ހުރަސް އަޅުއްވާ މައްސަލައަކީ، "ދިވެހި މަސްވެރިންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަންކުރާ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ނަމަވެސް ބައްލަވައި ފިޔަވަޅު އަޅުއްވަން ޖެހޭ މައްސަލައަކަށްވާތީ، މިކަމުގައި އެޅުއްވެން ހުރި ފިޔަވަޅުތައް ބައްލަވައި ފުޅަދޫ ޑީކޯ ޗެމްބާ ގާއިމް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވޭނެ ގޮތެއްގެމަތިން މި މައްސަލަ ބައްލަވައި ދެއްވުން އެދި ދެންނެވީ،" ކަމަށް ޖާބިރުގެ ސިޓިގައި ވިދާޅުވެފައި ވެއެވެ.