ކުޅިވަރު

މާޒިޔާގެ ފިޓްނަސް ޕާޓްނަރަކަށް ބޮޑީ ޓެކް ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ފިޓްނަސް ޕާޓްނަރަކަށް ބޮޑީޓެކް ޖިމް ހަމަޖައިފިއެވެ.

ބޮޑީޓެކް ޕްރައިވެޓް ލިމިޓެޑާއި އެކު މާޒިޔާއިން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރީ އިއްޔެ ހަވީރު މާޒިޔާ ކްލަބް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މާޒިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ ވައިސް ޗެއާމަން އަބުދުﷲ މޫސާ އެވެ. ބޮޑީ ޓެކް ގެ ފަރާތުން ސޮއި ކުރީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުސައިދެވެ.

ދިވެހި ޕްރިމިއާ ލީގުގައި ކާމިޔާބު ހޯދަމުން އަންނަ މާޒިޔާ އަކީ ރާއްޖޭގައި މިހާރު އެންމެ ރަނގަޅަށް ކްލަބު މެނޭޖް ކުރަމުން އަންނަ އެއް ޓީމެވެ. އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައި ލީގު ހޯދައިފައެވެ. މިއަހަރު ކުރިޔަށްދާ އޭއެފްސީ ކަޕުން ޖާގަ ހޯދި ދެޓީމުގެ ތެރޭގައި މާޒިޔާ ހިމެނެއެވެ.

އެޓީމަށް މިދިޔަ ދެއަހަރު ކޯޗުކޮށްދިން ކޯޗު މަރްޔާން ސެކުލޮވްސްކީ ވަނީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުން އަނބުރި ގައުމަށް ގޮސްފައެވެ. ދާދި ފަހުން މާޒިޔާއިން ވަނީ އެޓީމުގެ ކޯޗުގެ މަގާމަށް ޓީސީއަށް މީގެ ކުރިން ކޯޗު ކޮށްދިން މުހައްމަދު ނިޒާމް(ނިޒާމްބެ) ހަމަޖައްސައިފައެވެ.

ކޯޗު ކަމާ ހަވާލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ނިޒާމްބެ ބުނެފައިވަނީ މާޒިޔާއާ ގުޅުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ. އަދި އޭއެފްސީ ކަޕްގެ ފައިނަލާ ހަމައަށް ދިއުމަކީ އޭނާގެ އަމާޒެއް ކަމަށްވެސް ނިޒާމްބެ ވަނީ ބުނެފައެވެ.