އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއެކު ފުވައްމުލަކު ހޮސްޕިޓަލުން އޮންލައިން ކޮންސަލްޓޭޝަން ފަށައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ކެންސަރަށް ފަރުވާދޭ ޑިޕާޓްމަންޓްގެ ހާއްސަ ޑޮކްޓަރަކާ ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ މީހަކަށް މިއަދު ހޯދައިދީފައިވާ ކަމަށެވެ.

މިއީ ފުވައްމުލަކު ހޮސްޕިޓަލުގެ ތާރީހުގައި އެހެން ހޮސްޕިޓަލެއްގެ ހާއްސަ ޑޮކްޓަރަކާ އޮންލައިން ކޮންސަލްޓޭޝަން ހެދި ފުރަތަމަ ފަހަރެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ފުވައްމުލަކު ހޮސްޕިޓަލުން އެ ހިދުމަތް ފެށުމުގައި އިންޑިއާގެ ބޮޑު ހޮސްޕިޓަލަކާއެކު ފެށުން އެއީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި އެ ހިދުމަތުގެ ސަބަބުން ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ ފަރާތްތައް ދޭތެރެދޭތެރެއިން ދަތުރު ކުރުމުގެ ބަދަލުގައި ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ހޮސްޕިޓަލުގެ އެންމެހާ މުވައްޒަފުންނަށްވެސް ލިބޭ ފަހުރެއް. މި ހިދުމަތުގެ ސަބަބުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ނުކޮށް، ރަށުގައި ހުރެގެން ސްޕެސެލިސްޓް ޑޮކްޓަރުންނަށް ދައްކައިލެވޭނެ،" ސައީދު ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ފެށި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އޭޑީކޭ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްއާ ވާހަކަދައްކައިގެން އެ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނަށްވެސް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިހާރު ހަމައެކަނި ހުޅުމާލޭ ހޮސްޕިޓަލާއެކު މި ހިދުމަތް މި އިންނަނީ. ނަމަވެސް މުސްތަގުބަލުގައި އޭޑީކޭއާ ވެސް އަދި އައިޖީއެމްއެޗުގެ އިތުރުން ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލުތަކުގައި ތިބި ސްޕެސެލިސްޓް ޑޮކްޓަރުންނަށް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރާނަން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ އެ ހިދުމަތް ދިނުމުގައި ހުޅުމާލޭ ހޮސްޕިޓަލުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހަދިޔާކުރެއްވި ފުވައްމަލަކު، ނޫޑަލްހީ، ޖައިޝަރު ނަސީރަށް ވެސް ސައީދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.