މާލެއިން ރަށްރަށަށް ދާން 9000 މީހުން ހުށަހަޅާފައިވާ ކަމަށާއި މިއީ ޗުއްޓީއަށް ދާންވީ ވަގުތު ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިނިސްޓަރު އަމީން ވިދާޅުވީ މިއަދުގެ މިހާތަނަށް މާލެ އިން ރަށްރަށަށް ދާން 9000 މީހުން ހުށަހަޅާފައިވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ހުށަހަޅާފައިވަނި އެކި ކަންކަމުގައި ރަށްރަށަށް ދިއުމަށް ކަމަށެވެ.
"އަތޮޅުތަކަށް ދިއުމަށް އަޅުގަނޑުމެން ފުރުސަތު ހުޅުވާލީމަވެސް، އަޅުގަނޑު މިއަދު ހެނދުނު މައުލޫމާތު ބެލިއިރު، ގާތްގަނޑަކަށް 9000 މީހުން އެޕްލައި ކޮށްފައި އެބަތިބި އަތޮޅު ތެރެއަށް ދާން. 9000 އެއްހާ މީހުން އެކި ކަންކަމުގައި ދާން އެޕްލައިކޮށްފަ އެބަތިބި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ހުރިހާ ފަރާތްތަކަކީ ކޮންމެހެން ދާންޖެހިގެން ދާންވެގެން އެޕްލައި ކޮށްފައި ތިބި ބައެއް ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ. މާލޭގެ ހާލަތު އެންމެންނަށްވެސް އެނގޭ ކަމަށާއި އެގޮތަށް ރަށްރަށަށް ދާ މީހުން ބަލި ހިފައިގެން ގޮސް ރަށުގައި ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
"މިވަގުތަކީ އަދި ޗުއްޓީ ދުވަސްވަރު ކަމުގައި ވިޔަސް ޗުއްޓީ ގޮތުގައި އަޅުގަނޑުމެން އިހު އުޅޭ ފަދައިން ކުޅިވަރު ކުޅުމާއި މީހުން ރަށްރަށަށް ގޮސް ހަރަކާތްތައް ހިންގުމާއި، އެގޮތުގައި ދާން ވެއްޖެ ކަމުގައިވާނަމަ އަޅުގަނޑުމެން ބަލިން ރައްކާތެރިވުމަށް މިކުރާ ބޮޑު ހޭދައާއި މިކުރާ ބޮޑު މަސައްކަތާ އަޅުގަނޑުމެން އެންމެން މިކަމުގެ ތެރޭގައި އެތައް މަހެއް ވަންދެން ތިބި ތިބުމުގެ އެއްވެސް ފައިދާއެއް އަޅުގަނޑުމެންނަށް ނުފެނި ހިނގައިދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރެއަށް ދަތުރު ކުރުމުގައިވެސް ޒިންމާވާން ޖެހޭ ކަމަށާއި އެހެން ނޫންނަމަ މި ކުރި ހުރިހާ ކަމެއް ގެއްލުމުގެ ތެރެއަށް ހިނގައިދާނެ ކަމަށެވެ.
މިނިސްޓަރު ވަނީ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށްވެސް އިލްތިމާސްކުރައްވައިފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަންވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު