ކޮވިޑް 19ގެ ސަބަބުން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ތިބި މީހުންނަށެވެ.

މާދަމާއަކީ މިއަހަރުގެ އަރަފާތު ދުވަސްކަމަށްވާ އިރު، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައިވެސް ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ސައުދީ ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ. މިއަދު ކައުބާގައި ތޮވާފު ކުރި އިރުވެސް ފެނިގެން ގޮސްފައިވަނީ ގައިދުރުކަން ބަހައްޓައިގެން ތޮވާފު ކުރި މަންޒެރެވެ. މިއީ ފަހުގެ ތާރީހެއްގައި ގައިދުރުކަން ބަހައްޓައިގެން ތޮވާފު ކުރި ފުރަތަމަ ފަހަރެވެ.

ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަ ދީފައިވާ 70 ޕަސެންޓު މީހުންނަކީ އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ކަމަށް ބުނެފައެވެ. އަދި އަނެއް 30 ޕަސެންޓަކީ އެގައުމުގެ މީހުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ސައުދީގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭ ހުރިހާ މީހުންވެސް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެއެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޮވިޑު ޓެސްޓުގެ ނަތީޖާއަށް ފަހުގައެވެ.

ސައުދީން ބުނީ، މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އެއްފަހަރާ އެންމެ ގިނައިން ވެސް އަޅުކަމުގައި ތިބެވޭނީ 10،000 މީހުންނަށް ކަމަށެވެ.