ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ބާއްވަންވާނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންނަމަވެސް، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ބާއްވަންވާނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ހަތްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19ގެ ބަލިމަޑުކަން ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވެފައި، މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، މި ބަލިމަޑިކަމުގެ ދެވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅަކަށްވާތީ، ކޮވިޑާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ނަންބަރު 2020/6 (އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނުކުރާ ގަރާރު) އިން ދިވެހިރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލު ނުރައްކަލުގެ ހާލަތު އޮގަސްޓް ހަތްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވުމުން، ސިޔާސީ ހަރަކާތްތައް ބާއްވާއިރު، އެޗްޕީއޭގެ އުސޫލުތަކާއި އެންގުންތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ސިޔާސީ ހަރަކާތްތައް ބާއްވަން ވާނީ އެޗްޕީއޭގެ އެންގުންތަކާއި ގާނޫނާ އެއްގޮތަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާ އިރު، މިފަހަކަށް އައިސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ މާލޭގައި ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށްގެންދަމުންނެވެ. އެ މުޒާހަރާތަކުގައި އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައި ނުވާކަން ފާހަގަކުރެވެއެވެ.