އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ނުކުޅެދޭ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަނޑުބޮޑުވި މައްސަލައިގައި ހައްޔަރުކުރި އިބްރާހީމް ޝާފިއުގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އުމުރުން 15 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި ފީއަލި، ފީރޯޒްގޭ، އިބްރާހީމް ޝާފިއުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ ދަށުން، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީން ބުނީ މި މައްސައިގައި ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.

މި މައްސަލައިގައި ޝާފިއު ހައްޔަރުކޮށްފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރަކު ބަލިވެ އިން މައްސަލައިގެ ތުހުމަތުގައެވެ.

އެ މައްސަލައިގައި ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކުރުމުން މައްސަލަ ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ކޯޓުގެ މި ނިންމުމަކީ އޭނާ ދޫކޮށްލައިފިނަމަ މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ނިންމި ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން ތަހުގީގު ނިމެންދެން ޝާފިއު ބެހެއްޓުމަށް ކޯޓުން އަމުރު ކުރީ ކަސްޓޯޑިއަލް ޖަލެއްގައެވެ. އެ މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.