ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ އަލީ އަޝްފާގް(ދަގަނޑޭ) މިއަންނަ ސީޒަނުގައި ވެސް ފެންނާނީ ޓީސީ ސްޕޯޓްސް ކްލަބުން ކަމަށް އެކުލަބުން ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސްގައި ހުރުމަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން ޓީސީ އަށް ބަދަލުވި ދަގަނޑޭގެ ގްރީން ސްޓްރީޓްގެ ކޮންޓްރެކް މިހާރު ވަނީ ހަމަ ވެފައެވެ. އެހެންކަމުން ދަގަނޑޭ އަކީ މިހާރު ފްރީ ޕްލޭޔަރެކެވެ.
ޓީސީގެ ރައީސް އަހްމަދު އައްބާސް (އައްބު) "ވަން" އަށް ވިދާޅުވީ ދަގަނޑޭގެ ކޮންޓްރެކްޓާއި ގުޅޭގޮތުން މައުލޫމާތު މީޑިއާ އަށް ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ. ނަމަވެސް ދަގަނޑޭ އަންނަ ސީޒަން ވެސް ފަށާނީ ޓީސީން ކަމަށް އައްބު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ޓީސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދަގަނޑޭ ކްލަބު ގްރީން ސްޓްރީޓްސް ދޫކޮށް، އަލުން ޓީސީ ސްޕޯޓްސް ކްލަބާ ގުޅިފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގައެވެ.
އެންމެ ފުރަތަމަ ޓީސީން ދަގަނޑޭ ފެނުނީ 2018 ވަނަ ސީޒަނުގައެވެ. އެ ސީޒަނުގެ މެދުތެރެއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ދޫކޮށް، ޓީސީއާ ގުޅުމަށްފަހު އޭނާ ވަނީ އެ ކްލަބާއެކު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ. ޓީސީއަށް މިދިޔަ ސީޒަނުގެ ލީގު ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން އެއް ކުޅުންތެރިޔަކީ ދަގަނޑޭއެވެ.
ކްލަބު ވެލެންސިއާ އިން 2001 ވަނަ އަހަރު ކެރިޔަރު ފެށި ދަގަނޑޭ ވަނީ ވެލެންސިއާގެ އިތުރުން ނިއު ރޭޑިއަންޓާއި ވީބީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަދި ޓީސީގައި ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެ އިތުރުން މެލޭޝިއާގެ ޕީޑީއާރުއެމްއާއެކު ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. ޕީޑީއާރުއެމްގައި ދަގަނޑޭ ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ.
ގައުމީ ޓީމަށް 2006 އިން ފެށިގެން ކުޅެމުން އަންނަ ދަގަނޑޭ، ގްރީން ދޫކޮށްލި އިރު އޭނާއަކީ އެކްލަބުގެ ކެޕްޓަނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު