ކޮވިޑް 19ގެ ސަބަބުން ގެއްލުންވެފައިވާ ވިޔަފާރިތަކަށް، އެ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ގާއިމުކޮށްފައިވާ އިކޮނޮމިކް ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 475 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ބީއެމްއެލުން ފައިސާ ދޫކުރުމަށް ހަމަޖައްސާފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި ދިހަ މިލިއަނަށްވުރެ މަތީ އަދަދެއް ލިބިފައިވާ ވިޔަފާރިތަކަށެެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް ލޯނު ހޯދުމަށް އެދި 542 ފަރާތަކުން ހުށަހަޅާފައިވެ އެވެ. ލޯނު ދޫކުރަން ނިންމާފައިވަނީ އޭގެ ތެރެއިން 367 ފަރާތަކަށެވެ.
ހުށަހެޅުންތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަ ނުވާ، ނުވަތަ ޝަރުތު ހަމަނުވާ 128 ފޯމެއް ހިމެނޭއިރު ޕްރޮސެސިންގައި މިވަގުތު 31 ފަރާތެއްގެ ފޯމު އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ކޮވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލް އިން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ އިރު ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ.
މި ލޯނު ދޫކުރުމުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށާއި އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަތީގެ އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި މުވައްޒަފުންގެ ތެރޭގައި ދިވެހި މުވައްޒަފުންގެ ނިސްބަތަށް ބަލާނެ އެވެ. އެގޮތުން 45 ޕަސެންޓް ނުވަތަ އެއަށްވުރެ މަތިން ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ ލޯނު ދޫކުރުމުގައި އިސްކަން ދޭނެ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.
ބީއެމްއެލުން ދޫކުރާ ލޯނަކީ ވެސް ހަ ޕަސެންޓް އިންޓްރެސްޓްގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ތިން އަހަރުން ދައްކަން ޖެހޭ ލޯނެކެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް