ދުނިޔޭގެ އެންމެ މަޝްހޫރު ވިޔަފާރި މަޖައްލާ ފޯބްސްއާއި މާކެޓް ރިސާޗްގެ ދުނިޔޭގެ ބޮޑު ކުންފުނި ސްޓެޓިސްޓާ ގުޅިގެން އެކުލަވާލާފައިވާ 2026 ވަނަ އަހަރުގެ "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް"ގެ ލިސްޓުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ.
އެ ލިސްޓަކީ ދުނިޔޭގެ 89 ގައުމަކުން ހޮވުނު 500 ބޭންކު ހިމެނޭ، އެފަދަ ރޭންކިންއެއްގެ ފުރަތަމަ އެޑިޝަނެވެ.
ބީއެމްއެލުން ބުނީ އެ ކާމިޔާބީއަކީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ފަހުރެއްގެ އިތުރުން، ބީއެމްއެލްއަކީ ދުނިޔޭގެ އެހެން ބޮޑެތި މާލީ އިދާރާތަކާ އެއް ފެންވަރެއްގައި މަސައްކަތްކުރާ ބޭންކެއްކަން ދައްކުވައިދޭ ތާރީހީ ކާމިޔާބީއެއް ކަމަށެވެ.
ފޯބްސްއާއި ސްޓެޓިސްޓާ ގުޅިގެން އެކުލަވައިލި އެ ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާ ލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ.
އެ ދިރާސާގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި ފަރާތްތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި، ބޭންކުތަކުގެ އާންމުކޮށްފައިވާ ރިޕޯޓުތައް އަދި މިނިވަން ދިރާސާތަކަށް ބަލާފައިވެއެވެ. އެ ލިސްޓު ބަހާލެވިފައިވާ ހަ ގިންތީގެ ތެރެއިން، ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް ތިން ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއާގައެވެ.
މިއީ ދުނިޔޭގެ ފެންވަރުގައި ބީއެމްއެލްގެ މާލީ ހިންގުންތެރިކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓްގެ އުސޫލުތައް އަދި ދެމެހެއްޓެނިވި ކުރިއެރުން ވަޒަންކުރެވިފައިވާ ކަމުގެ ހެތްކެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ބީއެމްއެލްގެ ސައިޒުގެ ބޭންކުތަކާ އަޅާކިޔައި، މާލީ ތަފާސްހިސާބުތަކަށް ބަލައިގެން ދީފައިވާ ރޭންކެއްކަމަށެވެ.
"މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުގަނޑުމެންގެ ސައިޒުގެ ބޭންކުތަކާ އަޅާކިޔައި، މާލީ ތަފާސްހިސާބުތަކަށް ބަލައިގެން ދީފައިވާ ރޭންކެއް. މިއީ ބޭންކުގެ ނަތީޖާތަކުން އަބަދުވެސް ފެންނަމުންދާ ހަގީގަތާ އެއްގޮތަށް ބީއެމްއެލްއަކީ ވަރުގަދަ، ފުދުންތެރި ރައުސްމާލެއް ހުރި އަދި ހަރުދަނާ ހިންގުމެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން ހާމަކޮށްދޭ ލިސްޓިންއެއް" ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ކަސްޓަމަރުންނަށް ފުރިހަމަ އިތުބާރާއެކު ބޭންކިން ހިދުމަތް ހޯދޭނެކަމާއި، ހިއްސާދާރުންނަށް ބޭންކުން ހޯދައިދޭ ކުރިއެރުން ސާބިތުވެފައިވާ ކަމަށެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސޯދަށްޓަކައި އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލައި، ބޭންކުގެ ބިންގާ ވަރުގަދަކޮށް، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ވިޔަފާރިތަކާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ބީއެމްއެލް ދެމި އޮންނާނެކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ އެ ކާމިޔާބީއަކީ، ކަސްޓަމަރުންނާއި ހިއްސާދާރުންނަށް ވީހާވެސް ރަނގަޅު މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ބޭންކަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް