އެހެން ގައުމުތަކުގައި ތާށިވެފައި ތިބި ލަންކާ މީހުން އެ ގައުމަށް ގެންދިއުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފިއެވެ.
ލަންކާ ސަރުކާރުން ވަނީ ބޭރު ގައުމުތަކުގައި ކޮވިޑާ ގުޅިގެން ތާށި ވެ ގައުމަށް އަނބުރާ ނުދެވިފައި ތިބި މީހުން ގެންދިއުމުގެ މަސައްކަތް މިމަހުގެ 31 ވަނަ ދުވަހުން ފެށިިގެން ކުރިޔަށް ގެންދިއުމަށް ނިންމައިފައެވެ.
ސްރީލަންކާގެ ރައީސްގެ އެޑިޝަނަލް ސެކެޓްރީ އެޑްމިރަލް ޖަޔަންތަ ވިދާޅުވީ 31 ޖުލައި ގައި ހާއްސަ ދެ ފްލައިޓެއް އޮޕަރޭޓް ކުރުމަށް ނިންމާފައިވާކަމަށެވެ. މި ދެފްލައިޓު ދިއުމަށް ހަމަޖެހިފައިވަނީ ދުބާއީންނާއި އެކުވެރި އަރަބި އިމާރާތުންނެވެ.
ޖަޔަންތަ ވަނީ މި ދެފްލައިޓުން 600 ލަންކާ ރައްޔިތުން އެނބުރި ގައުމަށް ދާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އަނބުރާ ގައުމަށް ދިއުމަށް އެކި ގައުމުތަކުން އިތުރު 50،000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށްވެސް ޖަޔަންތަ ވިދާޅުވިއެވެ.
ލަންކާއިން ބޭރުގައި ތާށިވެފައިވާ މީހުން ގެންދިއުން މަޑުޖައްސާލާފައިވަނީ އެގަމުގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ކަރަންޓީނު ފެސިލިޓީތައް ފުރިދާނެކަމުގެ ބިރު ހީވުމުންނެވެ.