ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުއްޓައި ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ސޯލިހުގެ ހާލު އަދިވެސް ސީރިއަސް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ހާލު ދެރަވެގެން ޔާސިރަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ޔާސިރުގެ މިހާރުގެ ހާލަތު ބަޔާންކޮށްދީ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ، ޔާސިރަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި އޭނާގެ ހާލަތު ސީރިއަސް ކަމަށެވެ.

"މިވަގުތުވެސް އޭނަ (ޔާސިރު) އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި. އޭނާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ބަންދުކޮށްފައި ހުރި މީހެއް. މިވަގުތުވެސް އައިސީޔޫގައި އޮތީ. ދެން އިތުރު ފަރުވާދެމުން ދަނީ. އަޅުގަނޑުމެންނަށް އެންމެ ފަހުން މައުލޫމާތު ލިބުނު ގޮތުގައި އައިސީޔޫގައި، ހަމަ ވެންޓިލޭޓަރުގައި އޮތީ. އަދި އިތުރު ޑިވެލޮޕްމަންޓެއް އެނގިފައެއް ނެތް. ނަމަވެސް ހާލަތު ކްރިޓިކަލް ކަމަށް މައުލޫމާތު ލިބިފައި އޮތީ،" އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

ޔާސިރުގެ ހާލު ސީރިއަސްވެގެން މީގެ ކުރިންވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެއެވެ.

ޔާސިރު ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރު ކޯޓު އަމުރެއްގެ ދަށުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށެވެ. މިހާތަނަށް ޔާސިރުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލައިފައެއް ނުވެއެވެ. އަދި އޭނާގެ ތަހުގީގުވެސް މިހާރު ކުރިއަށް ނުދާ ކަމަށް ޔާސިރުގެ އަންހެނުންގެ އާއިލާއިން ބުނެއެވެ.

ޔާސިރު ހައްޔަރުކުރި ފަހުން އޭނާ ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުލާތެއްވެސް ކޮށްފައެވެ. ހަރުއެއްޗެއް ނުކައި ގިނަ ދުވަސްތަކެއްވުމުން އޭނާގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރިއެވެ.