ކޮވިޑް 19ގެ އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މާދަމާ ކުރިއަށްގެންދާ އިންސްޕެކްޝަނުގައި ކޮވިޑާ ގުޅިގެން ހެދިފައިވާ އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދުކުރެވޭނެ ކަމަށެވެ.
މާލޭ ސަރަހައްދުގައި ހިންގާ އެ އިންސްޕެކްޝަނުގައި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކާއި ސެލޫންތައް އަދި މާރުކޭޓުތަކުން އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށް ހަމަޖެހިފައިވެއެވެ.
އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ތަންތަނުން އަމަލުކުރޭތޯ ބެލުމަށް އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލް އަދި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން މީގެ ކުރިން ވެސް ވަނީ އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައެވެ. އެ އިންސްޕެކްޝަން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ.
އެ އިންސްޕެކްޝަނާ ބެހޭގޮތުން މޭލެ ސިޓީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އިންސްޕެކްޝަންގައި ޖުމްލަ 1475 ތަނެއް ބެލިފައިވާ ކަމަށާއި އެތަންތަން ބަލިއިރު އެއްވަނަ ކެޓަގަރީގައި (ހުރިހާ ކަމެއް ފުރިހަމަކޮށް) ހުރީ ގާތްގަނޑަކަށް 1000 އެއްހާ ތަނުގައި ކަމަށެވެ.
މެދު މިންގަނޑެއްގައިވެސް ގިނަ ތަންތަން ހުރި ކަމަށާއި ނަމަވެސް ވަރަށް ހާލަތު ގޯސް ތަންތަންވެސް ފާހަގަކުރެވުނު ކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނާއި ސެލޫންތަކާއި ބޯކޮށާ ތަންތަނުގެ އިތުރުން މާލެ ތެރޭގައި ހުރި މާރުކޭޓުތަކުގައި ސާފުތާހިރުކަން ވަރަށް ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށާއި ހާއްސަކޮށް ބިދޭސީން އުޅޭ ތަންތަނުގައި ސާފުތާހިރުކަން ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު