ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތައް ހަދާފައިވަނީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނޫން ކަމަށާއި ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ސީރިއަސް އެތައް މައްސަލަތަކެއް އެތަނުގައި އެބަހުރި ކަމަށް އާކިޓެކްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން އެހެން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގެ ހާލަތު ދެނެގަތުމަށްފަހު ފާހަގަކުރެވުނު ކަންކަން ބަޔާންކޮށް ނެރުނު ރިޕޯޓެއްގައެވެ.

ފެލްޓްތަކުގެ ޑިޒައިންގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އޭއޭއެމުން ބުނީ، ކޮރިޑޯތަކުގެ ރެއިލިން ހުޅުމާލެ ޕްލޭނިން ގަވައިދާއި ގައިޑްލައިންތަކަށް ނުފެތޭ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ދެ ފޫޓު އުސް ފާރުބުރިއެއްމަތީގައި ދެ ފޫޓު އުސް ދަގަނޑު ރެއިލިން އެއް ހަރުކޮށްފައިވާއިރު މި ފާރުބުރިއަށް ކުޑަކުއްޖަކަށް އެރޭ ގޮތަށް ހުރުމުން ރައްކާތެރި ނޫން ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ބޭސްމަންޓް ޕާކިންގައި ސާވިސް ހޮޅިތައް ބެރިދަށުން އަޅާފައިވާ ގޮތުން ބައެއް ދިމަދިމާލުން ނުރައްކާ މިންވަރަށް ތިރިކަން ފާހަގަކުރެވޭއިރު އެކަށީގެންވާ ސައިނޭޖް ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ. "ހުޅުމާލެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން" ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންގައިވާ ޕާކިންގެ އަދަދު ކޮންމެ އިމާރާތެއްގެ ތިރީގައިވާ ޖާގައިން ހަމަވާނެ ކަމަށް ނުފެންނަ ކަމަށް ވެސް އޭއޭއެމުން ބުނެ އެވެ.

އެ އެސޯސިއޭޝަނުން ބުނީ، ފްލޯއެއްގައި 16 ޔުނިޓު ހުންނަ ޓަވަރެއްގައި އިމަޖެންސީ ލިފްޓާއެކު ޖުމްލަ 14 މީހުންގެ ތިން ލިފްޓު ހުންނައިރު 20 ޔުނިޓު ހުންނަ ޓަވަރެއްގައި އިމަޖެންސީ ލިފްޓާއެކު ޖުމުލަ 14 މީހުންގެ ހަތަރު ލިފްޓު ހުރި ނަމަވެސް ޕީކުގަޑިތަކުގައި ލިފްޓު ބޭނުންކުރުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ. ލިފްޓުން ނުކުންނަން ލޮބީގައި ބައެއްކަހަލަ ސާވިސް ފޮށިތައް އަތްޖެހޭ ހިސާބުގައި ހުރުމުން އެތަކެއްޗަށް ގެއްލުން ލިބުން އެކަށީގެންވާއިރު ލޮބީގެ ތަނަވަސްކަން ނިސްބަތުން ކުޑަކަމަށް ވެސް އޭއޭއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

އޭއޭއެމުން ބުނީ، ވަކި ޔުނިޓަކަށް ބަލާއިރު ގިނަ ޔުނިޓްތަކުގައި ބޭރަށް ހުންނަ ކޮޓަރީގެ ހަމައެކަނި ކުޑަދޮރާއި ސިޓިންރޫމުގެ އެއް ކުޑަދޮރު ހުންނަނީ އާންމުން ހިނގަން އޮންނަ ކޮރިޑޯއަށްވާ ގޮތަށް ކަމުން އެއީ ސެކިއުރިޓީ އާއި ޕްރައިވަސީގެ މައްސަލައެއް ކަމަށެވެ. ގިނަ ޔުނިޓްތަކުގެ އެތެރެއަށް ހުންނަ ކޮޓަރިތަކުގެ ކަހައިލެވޭ ކުޑަދޮރުގެ ޑިޒައިން ދެ ޓްރެކުގައި ތިން ފަތަށްހުރުމުން ހުޅުވޭބައި ހަނިވެ، ޕްލޭނިން ގަވައިދުގައިވާ 10 ޕަސެންޓް ވެންޓިލޭޝަން ހަމަވޭތޯ ސުވާލު އުފެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އެސޯސިއޭޝަނުން ބުނީ، އިމާރާތުގައި އަލިފާނާއި ދުމުން ރައްކާތެރި ވެވޭ "ސެޕަރޭޝަން ޒޯން"ތައް ނެތްއިރު، ލިފްޓު ލޮބީގައި ވެސް ސެޕަރޭޝަނެއް ނެތް ކަމަށެވެ. ހުޅުމާލެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން: ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންއާ ހިލާފަށް އިމާރާތުގައި ދިރިއުޅޭ މީހުންނާއި ތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ އެއްވެސް ނިޒާމެއް ވެސް ނެތް ކަމަށް އޭއެމްގެ މި ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.