މިވަގުތު ގޮސްފައިވާ ހިސާބަށް ބަލާއިރު ހިޔާ މަޝްރޫއުގެ ޑެންސިޓީ އާއި ޑިޒައިނަށް ބަދަލުގެނައުމަކީ މާލީ އަދި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް ފަހުން ދިމާވާނެ ސިއްހީ، އިޖުތިމާއީ އަދި ރައްކާތެރިކަމުގެ މައްސަލަ މާބޮޑު ކަމަށް އާކިޓެކްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ބުނެފި އެވެ.
އެ އެސޯސިއޭޝަނުން އެހެން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގެ ހާލަތު ދެނެގަތުމަށްފަހު ފާހަގަކުރެވުނު ކަންކަން ބަޔާންކޮށް ނެރުނު ތަފްސީލީ ރިޕޯޓެއްގައެވެ.
އޭއޭއެމުން ބުނީ، ގާތްގަނޑަކަށް 40،000 މީހުންގެ އާބާދީއެއް އުޅޭނެ ކަމަށް ބެލެވޭ ހިޔާ 7000 ފްރޮޖެކްޓުގެ ޑެންސިޓީ ދުނިޔޭގެ ނިސްބަތުން ތޮއްޖެހިފައިވާ މާލޭގެ އެއްވެސް ހިސާބަކަށްވުރެ ތިން ގުނަ އިތުރު ކަމަށް ފާހަގަކުރެވޭއިރު، އެތަނުގައި މައިގަނޑު ގޮތެއްގައި ދިރިއުޅުން ފިޔަވައި އެހެން ހިދުމަތެއް ނުހިމެނޭ ކަމަށެވެ. މިފަދަ މަތީ ޑެންސިޓީއެއްގައި އަގުހެޔޮ ސޯޝަލް ހައުސިން އުސް އިމާރާތްތަކުގައި ހެދުމަކީ ގިނަ ފަހަރު ފެއިލްވެފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"ވީމާ މި ޕްރޮޖެކްޓަކީ ވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ޕްރޮޖެކްޓަކަށްވުން އެކަށީގެން ވެއެވެ. އަދި މިއީ ރަނގަޅު ޕްރޮޖެކްޓެއް އެކުލަވައިލުމަށް ގެއްލުނު ފުރުސަތެކެވެ،" އޭއޭއެމްގެ ރިޕޯޓްގައިވެ އެވެ.
އެ އެސޯސިއޭޝަނުން ބުނީ، މިވަގުތު ގޮސްފައިވާ ހިސާބަށް ބަލާއިރު އެ މަޝްރޫއުގެ ޑެންސިޓީ އާއި ޑިޒައިނަށް ބަދަލު ގެނައުމަކީ މާލީ އަދި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު އޮތްގޮތަށް ކުރިއަށް ގެންގޮސްފިނަމަ ފަހުން ދިމާވާނެ ސިއްހީ، އިޖްތިމާއީ އަދި ރައްކާތެރިކަމުގެ މައްސަލަތައް މާބޮޑުވާނެ ކަމަށް ބުނެފައިވެ އެވެ.
"އޭއޭއެމުން ގަބޫލުކުރަނީ ހިޔާ 7000 ޕްރޮޖެކްޓަކީ ތޮއްޖެހުން ކުޑަކޮށް އަދި ޑިޒައިން އިސްލާހުކޮށްގެން ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ތަނަކަށް ބަދަލުކުރެވޭނެ ތަނެއް ކަމަށެވެ،" އޭއޭއެމްގެ ރިޕޯޓް ނިންމައިލަމުން ބުނެފައިވެ އެވެ.
އާކިޓެކްޓުންގެ އެސޯސިއޭޝަނުން މިހެން ބުނެފައިވާއިރު، މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ، ހިޔާ ފްލެޓުތަކަށް މީހުން ވެއްދިޔަސް އެތަނުގައި މީހުން ދިރިއުޅޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވަވާ ކަމަށާއި އެއީ ކޮށްފައި އޮތް ވަރަށް ބޮޑު ބޭކާރު ހަރަދެއް ކަމަށް ވިދާޅުވެފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދަން ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އަށެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ޖުމްލަ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ)ގެ ލޯނެއްގެ ދަށުންނެވެ.
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު