ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެހީތެރިވުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއާއި) އިން ދިވެހި ވިޔަފާރިތަކަށް 16.20 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފިއެވެ.
އެސްބީއައި އަކީ އިންޑިއާގެ އެންމެ ބޮޑު ކޮމާޝަލް ބޭންކެވެ. އެސްބީއައިގެ ބްރާންޗުތައް މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ހިންގައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮވިޑުގެ ސަބަބުން މާލީ ދަތިތަކަށް ލުއި ދިނުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ސްޕޯޓް ދިނުމުގެ ގޮތުން 16.20 މިލިއަން ޑޮލަރުގެ ލޯނު ދިވެހި ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެސްބީއައި އިން ލޯނު ނަގާފައިވާ 200 ރީޓެއިލް އެކައުންޓެއްގެ ލޯނު ދެއްކުން ވެސް ފަސްކޮށްދީފައިވާ ކަމަށް ބުނެފައިވެއެވެ.
އެސްބީއައި އިން ލޯންތައް ފަސްކޮށްދީފައިވާ އިރު، ބީއެމްއެލް އާއި އެމްއައިބީގެ އިތުރުން އެސްޑީއެފްސީ ވެސް ވަނީ އެތަންތަނުން ނަގާފައިވާ ލޯނުތައް ފަސްކޮށްދީފައެވެ. މީގެ އިތުރުން ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ލޯން ދޫކޮށްފައިވެއެވެ.
ކޮވިޑާ ގުޅިގެން އިންޑިއާއިން އަންނަނީ ރާއްޖެއަށް ވަރަށް ގިނަ އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑުގެ ސަބަބުން އިިގުތިސޯދަށް ލިބިފައިވާ ގެއްލުމުގެ އަރައިގަތުމަށް ވަރަށް އަވަހަށް އާ މާލީ ޕެކޭޖެއް ރާއްޖެއަށް ދޭނެ ކަމަށް އިންޑިއާއިން ވަނީ އިއުލާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު