ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސްގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ކޮވިޑް 19ގެ ސަބަބުން ކުރިމަތި ވި އިގްތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މިއަދުގެ ނިޔަލަށް 6638 މީހަކަށް 27.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ދޫކުރި ކަމަށް ބުނެފައިވަނީ 18.1 މިލިއަން ރުފިޔާއެވެ. އެއީ 4525 މީހަކަށެވެ. އެހެންކަމުން މިދިޔަ 12 ދުވަސް ތެރޭގައި އިތުރު 2113 މީހަކަށް 9.1 މިލިއަން ރުފިޔާ މިވަނީ ދޫކޮށްފަ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ.

އޭޕްރީލް، މެއި އަދި ޖޫން މަހަށް ދޭން ނިންމާފައިވާ "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވާ ގޮތުގައި މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް 19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ.

މި އުސޫލުގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނެއެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

މީގެ އިތުރުން ފްރީލާންސަރުންގެ ތެރެއިން 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށް ވެފައިވާ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ. ވަޒީފާއެއް އަދާކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރެޔަކު ނުހިމެނޭނެ އެވެ.