ގެސްޓް ހައުސްތައް ހުޅުވުން ލަސްކުރުމުން، ގެސްޓް ހައުސްތައް ހުޅުވާނެ ތާރީހެއް ނޭނގި ތިބެން ޖެހުމަކީ އެ ވިޔަފާރި އެއްކޮށް ހަލާކުވެ، ނެތި ދިއުމުގެ ބިރު އޮތް ކަމެއް ކަމަށް، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފިއެވެ.
ކޮވިޑް 19 އަށްފަހު މިމަހު 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވައިލައިފައިވާއިރު، ގެސްޓްހައުސްތައް އަންނަމަހު ހުޅުވަން މީގެކުރިން އޮތީ ހަމަޖެހިފައެވެ.
ނަމަވެސް ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ގެސްޓްހައުސްތައް ހުޅުވޭނެކަމަށް ސަރުކާރުން މިހާރު ލަފާކޮށްފައިވަނީ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިގޮތުން ނަމަ ގެސްޓް ހައުސްތައް އަލުން ހުޅުވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހު ކުރީކޮޅުއެވެ. ސީދާ ތާރީހެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.
އެކަމާގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ގެސްޓްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ގެސްޓްހައުސްތައް ހުޅުވުން އަނެއްކާވެސް ލަސްވުމަކީ އިންޑަސްޓްރީގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެއް ކަމަށެވެ.
އޮގަސްޓު އެކެއްގައި ގެސްޓްހައުސްތައް ހުޅުވޭނެ ކަމަށް ޓޫރިޒަމްގެ އެސްއޯޕީގައި އޮވެ، އަދި އެ އެސްއޯޕީ އެކުލަވާލުމުގައި އެ ޖަމިއްޔާއާއެކުވެސް މަސައްކަތްކޮށްފައިވާތީ އެސްއޯޕީގައި ވާގޮތަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވި، ރިސޯޓުތަކާއި ސަފާރީތައް އޮޕަރޭޝަނަށް ގެނެވިފައިވުމާއި، އެމްއެމްޕީއާރުސީގެ މާކެޓިން މެޓީރިއަލްތަކުގައި ވެސް ގެސްޓްހައުސްތަކުގެ ބުކިން ނަގަން ފަށާނީ އޮގަސްޓު އެކަކުން ކަމުގައި އޮތުމާއެކު ގެސްޓްހައުސްތަކުން އަންނަނީ ބުކިންތައްވެސް ނަގަމުން ކަމަށް ބަޔާނުގައި ވެއެވެ.
ނަމަވެސް، ކުއްލިގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް އޮގަސްޓްމަހު ގެސްޓްހައުސްތައް ނުހުޅުވާ ގޮތަށް ނިންމައި، އެތަންތަން ހުޅުވޭނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް ހެލްތު މިނިސްޓްރީން ބުނުމަކީ މުޅި ގެސްޓްހައުސް ސިނާއަތަށް ތަކުލީފުތަކެއް ކުރުމަތިވެފައިވާކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
ލޯކަލް ޓޫރިޒަމް ވިޔަފާރިއަކީ ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ވިޔަފާރިއެއް ކަމަށާއި ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކެއް ވެސް އެ ހިދުމަތުގައި ބައިވެރިވާއިރު ރިސޯޓުތަކާއި ސަފާރީތަކަށް ހިދުމަތް ފެށުމުގެ ހުއްދަ ދިނުމާއި، ސްޕާ އާއި ޖިމް އާއި ރެސްޓޯރަންޓް ފަދަ މީހުން ގައިގޯޅިކޮށް އުޅޭ ތަންތަނަށް ހުއްދަ ދިނުމަށްފަހު، ގެސްޓްހައުސް ފަދަ ބޮޑު ސިނާއަތެއްގެ މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭނގި ތިބެން ޖެހުމަކީ މި ސިނާއަތް ނެތިދިއުމުގެ ބިރުއޮތް ކަމެއްކަމަށްވެސް ބަޔާނުގައި ވެއެވެ.
ގެސްޓްހައުސް އެސޯސިއޭޝަން
ގެސްޓްހައުސް އެސޯސިއޭޝަން
ގެސްޓްހައުސް އެސޯސިއޭޝަން
ގެސްޓްހައުސް އެސޯސިއޭޝަން