މެލޭޝިއާގައި ކިޔަވާ ދަރިވަރުންނަށް އެގައުމަށް ދިއުމަށް ހާއްސަ ފްލައިޓެއް ބާއްވަން އޭސް އޭވިއޭޝަން މޯލްޑިވްސް އިން ނިންމައިފި އެވެ.

އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "ވަން" އަށް ވިދާޅުވީ، އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެ ފްލައިޓަކީ އެކުންފުނިން ޗާޓަރުކުރާ މޯލްޑިވިއަންގެ ފްލައިޓެއް ކަމަށެވެ. އަދި އެ ފްލައިޓުން 120 ސީޓް ވިއްކަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވި ގޮތުގައި، މި ފްލައިޓްގެ ބޭނުމަކީ މެލޭޝިއާގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން އެގައުމަށް އެނބުރި ދާން ބޭނުންވާ ދަރިވަރުންނަށް އެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި އެ ފްލައިޓް އޮގަސްޓް 17 ގައި ބާއްވަން ނިންމީ ވެސް މެލޭޝިއާ އިން ދަރިވަރުންނަށް އެންޓްރީ ޕާމިޓަށް އެދުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން މެލޭޝިއާއަށް ދާ މި ފްލައިޓުގައި މެލޭޝިއާގައި ތިބި މީހުންނަށް މާލެ އާދެވޭނެ އެވެ. މި ފްލައިޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3336886 ނުވަތަ 7931334 އަށް ގުޅުމަށް އޭސް އޭވިއޭޝަނުން އެދެ އެވެ.