ސަރުކާރުގެ ހަރަދުގައި އއ. ތޮއްޑޫގައި ހެދި ފުޓްސަލް ދަނޑު ނިންމާލައިފިއެވެ. 1.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މިދަނޑުގެ މަސައްކަތް ކޮށްފައިވަނީ ނަކާ ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

ތޮއްޑޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމުނުކަން އިއުލާނު ކުރައްވައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޓްސަލް ދަނޑުގެ އިންތިޒާރުގައި ތޮއްޑޫ ޒުވާނުން ތިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި ފުޓްސަލް ދަނޑުގެ މަސައްކަތް ލަސްވުމުން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވަނީ އަންނަ އަހަރު ރީތި އައުޓްޑޯ ކޯޓަކަށް އެރަށުގެ ވޮލީ ކޯޓު ބަދަލު ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު މަހްލޫފް ވަނީ ތޮއްޑޫ ފުޓްސަލް ދަނޑުގެ މަސައްކަތާއި، ވޮލީ ކޯޓްގެ ބޭރު ފެންސް ޖެހުމުގެ މަސައްކަތަށް އެރަށުގެ ޒުވާނުންނާއި ރަށު ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާ ކުރައްވައިފައެވެ. އަދި މި މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ދެއްވި އެއްބާރުލެއްވުމަށްވެސް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.