ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް އެތަނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު އެ ޓްރެކުގައި ކުރަމުން އަންނަނީ ސަބް ބޭސް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ސަރުކާރު ބަންދަށް ފަހު އެތަނުގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ރަސްމީކޮށް ކުރަން ޖެހޭ ކަން ކަން ކުރިއަށް ދާނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.
އެކުވެނި ޓްރެކްގެ މަސައްކަތް ފެށީ މިދިޔަ މަހު އެވެ. ނަމަވެސް އޭރު ނިންމާފައިވަނީ ޓްރެކްގެ ވެލިގަނޑު އެއްވަރު ކުރުމާއި ފެންބޮޑުވުން ފަދަ ކަން ކަން ހައްލު ކުރުމަށެވެ. ޔޫތު މިނިސްޓްރީން ބުނެފައިވަނީ އެތަނުގެ މަސައްކަތް ކުރަމުން އަންނަނީ އާރްކޭއެލްގެ ސީއެސްއާރުގެ ދަށުން ކަމަށެވެ.
މިނިސްޓަރު އޭރު ވިދާޅުވެފައިވަނީ މި މަސައްކަތުގެ ސަބަބުން، ކޮވިޑް 19 ބަލިމަޑުކަމަށްފަހު ޓްރެކް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.