އިޓާލިއަން ލީގުގެ ޗެމްޕިއަންކަން މިފަހަރުވެސް ޔުވެންޓަސް އިން ހޯދައިފިއެވެ. މިއީ އެޓީމު ޖެހި ޖެހިގެން ޗެމްޕިއަންކަން ހޯދި ނުވަވަނަ ފަަހަރެވެ.

ޔުވެންޓަސްއިން މި ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސަމްޕްޑޯރިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ރޭގެ މެޗް ފެށިގެން ސަމްޕްޑޯރިއާއިން ވަނީ ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނޮވައިލައިފައެވެ. ނަމަވެސް ޔުވެންޓަސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ސަމްޕްޑޯރިއާ އަށް ޕްރެޝަރުކޮށްފައެވެ. އެގޮތުން ޔުވެންޓަސްގެ ފޯވާޑް، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ސަމްޕްޑޯރިއާގެ ގޯލަށް އަމާޒުކޮށް ފޮނުވައިލައިފައެވެ.

މި މެޗުގެ ލީޑް ޔުވެންޓަސްއިން ނެގީ މިރަލެމް ޕިޔަނިޗްގެ އެހީތެރިކަމާއެކު ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި ފެޑަރީކޯ ބެނާޑެޝީ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑަށްފަހުވެސް ޔުވެންޓަސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޔުވެންޓަސްއަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލި ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.

މި މޮޅާއެކު ޔުވެންޓަސް ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ކުޅުނު 36 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 36 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓަލާންޓާއަށް 36 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ.

ޔުވެންޓަސްއިން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދިއިރު، ބަޔާން މިއުނިކުން ވަނީ މި ސީޒަނުގެ ޖަރުމަން ލީގު ކާމިޔާބުކޮށް ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގު ޗެމްޕިއަންކަން ހޯދައިފައެވެ.