ޚަބަރު

ރަށެއްގައި އިންޑިއާ މީހުން އާބާދުކުރާކަމަށް ބުނެ ފެތުރީ ދޮގުހަބަރެއް، މައްސަލަ ބަލަން އެދޭނަން: ފައްޔާޒް

އަލީ ޔާމިން

1

ރާއްޖޭގެ އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއް ކަމުގައި" ދިޔަރެސް"ގައި ޝާއިއުކޮށްފައިވާ ހަބަރުގައިވަނީ ދޮގު ކަމަށާއި، އެހެންކަމުން، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ވަނީ، ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެ ނޫހަށް ލިބިފައިވާ ކަމަށެވެ. އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ހުށަހަޅާފައިވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށް ކަމަށާއި އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ދިނުމަށްވެސް އިންޑިއާއިން ހުށަހަޅާފައިވާ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ. އެތަންތަނުގެ މިލްކުވެރިންނަށް، އެމީހުންގެ އާއިލާ އަދި ރަށްޓެހިންވެސް އެތަންތަނަށް ގެނެވޭނެ ފަދަ ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެނައުމަށްވެސް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކަމަށް "އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަނީ؟!" މި ސުރުހީގައި ދިޔަރެސްގައި މިއަދު ހެނދުނު ޝާއިިއުކުރި ހަބަރުގައި ބުނެފައި ވެއެވެ.

ދައްޕަރަކީ ހއ. ފިއްލަދޫގެ އުތުރުން އެ ރަށާ ގުޅިފައި އޮންނަ ބޮޑު ފަޅުރަށެކެވެ.

ދިޔަރެސް ނޫހުގައި އިންޑިއާ އާއި ރާއްޖެއާ ގުޅުވައިގެން ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ މިނިވަން ދުވަހު، އިންޑިއާ އާއި ރާއްޖެއާ ގުޅުވައިގެން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ސަރުކާރުގެ އަގު ވެއްޓޭ ގޮތަށް ޝާއިއުކޮށްފައިވާ ހަބަރުގައިވަނީ ތެދު މައުލޫމާތުތަކެއް ނޫން ކަމަށެވެ.

"އެހެންކަމުން މި މައްސަލައި ތަހުގީގުކޮށް މި މައްސަލައިގެ ތެދުދޮގު ހާމަކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށާއި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނަން" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.