ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި، ވީޑިއޯ މެސެޖެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، މިނިވަން ކަމަކީ އިންސާނުންނަށް މާތްﷲ ދެއްވާ ވަރަށް އަގު ބޮޑު ނިއުމަތެއް ކަމަށެވެ.

"އިންސާނުންގެ އުފާފާގަތި ކަމާއި އަބުރުވެރި ކަމާއި ހިތްހަމަޖެހުން ބިނާވެފައި ވަނީ މިނިވަން ކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށް އަޅުގަނޑުމެން ދިވެހިިންގެ ތާރީހަށް ބަލައިލާއިރު ގިނަ ޒަމާންތައް ދިވެހިން ހޭދަކޮށްފައިވަނީ މިނިވަންކަންމަތީ. ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވެނީ، މިނިވަންކަން ގެއްލިގެން ދިއުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މިިނިވަން ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ، މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރެވެމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

"ގޭބަންދާއި ރަށުބަންދާއި އެހެނިހެން ވެސް ބަންދު ތަކުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރެވެމުންދާ ދަނޑިވަޅެއްގައި. މިފަދަ ހާލަތުގައި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިމަތިވެފައި ބޮޑެތި ދަތިތައްވެސް އަޅުގަނޑުމެން މިއަދު މިދަނީ ތަހައްމަލު ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އަޅުވެތިކަމާ ދެކޮޅަށް ކާބަފައިން ކުރައްވާފައިވާ އަގުހުރި ޖިހާދުގެމަތިން ހަނދުމަކޮށް ކޮވިޑް 19 ގެ ދަތި ހާލަތުން އަރައިގަތުމަށް ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދާއެކު ހުރިހާ އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.