ރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސިފައިން ތިބީ ރާއްޖޭގެ މިނިވަންކަން ކުޑަމިންވަރަކަށްވެސް ދޫކޮށްލަން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ ވީޑިއޯ މެސެޖެއްގައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މިއީ އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމުން ރާއްޖެ ވީއްލުނު ދުވަސް ކަމަށެވެ. އެހެންކަމުން ބޭނުން ބަޔަކާ އެކުގައި ހާރިޖީ ގުޅުން ބޭއްވުގެ ފުރުސަތު ފަހިވެގެން އައީ 65 އަހަރު އިނގިރޭސިވިލާތާއެކީގައި ކުރެވުނު އެގްރީމެންޓާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

"މި މިނިވަންކަމަށް އަޅުގަނޑުމެން އައީ، 1888 ވަނަ އަހަރު އިނގިރޭސީންނާ އެކުގައި ދިވެހި ދައުލަތާއި އިގިރޭސިންނާއި ބަނދެވުނު އެގްރީމެންޓުގެ ފަހުން. އެ އެގްރީމެންޓަކީ ރާއްޖެއަށް އިނގިރޭސީން ހިމާޔަތްދިނުމަށް ވެވުނު އެއްބަސްވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، 1800 ގައި އިންޑިއާ ކަނޑު އޮތީ، އިނގިރޭސީންގެ ކަނޑެއްގެ ގޮތުގައި އިނގިރޭސި ރޮޔަލް ނޭވީގެ އަތްދަށުގައި ކަމަށެވެ.

"އަދަނުއްސުރެން ސިންގަޕޫރާ ދެމެދުގައި ހުރި ހުރިހާ، އެކިއެކި މިލިޓްރީ ބޭސްތައް މަސައްކަތް ކުރަމުން ގެންދިޔައީ، އިނގިރޭސީންގެ އާރާއިބާރު އިންޑިޔާ ކަނޑުގައި ދެމެހެއްޓުމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހިންނަކީ 1000 މޭލު ބޮޑުމިނުގައި، އިންޑިއާ ކަނޑުގައި ފެތުރިފައި ތިބި ބައެއް ކަމަށާއި، "އުތުރުން ދެކުނަށް ހުޅަނގުންއިރަށް 600 މޭލު،" ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ސަރަހައްދު، އިގްތިސާދީ ސަރަަހައްދަކީ ސައުދީ އަރަބިއްޔާއަށްވުރެ ބޮޑު ސަރަަހައްދެއް ކަމަށާއި، ޒަމާނުއްސުރެ ފެށިގެން ދިވެހިން އައީ އިންޑިއާ ކނޑުގައި މަސައްކަތްކޮށް ދަތުރުކޮށް، ވިޔަފާރިކޮށް ދިރިއުޅެމުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ، މި ކަނޑަކީ އަޅުގަނޑުމެންގެ ކަނޑު ކަމަށެވެ. އިންޑިއާ ކަނޑުގައި ދިވެހިން އަބަދުވެސް ދެމި ތިބޭނީ ވަރުގަދަކަމާއެކީގައި ކަމަށްވެސް ވިދާޅުވިއެވެ.

"މި ދިވެހިންނަކީ އެއްހާސް މޭލު ބޮޑު މިނުގައި އިންޑިއާ ކަނޑުގައި ފެތުރިފައި ތިބި ބައެއް. އުތުރުން ދެކުނަށް ހުޅަނގުން އިރަށް 600 މޭލު، އަޅުގަނޑުންގެ ސިޔާސީ ސަރަހައްދަކީ، އިގްތިސާދީ ސަރަހައްދަކީ ސައުދީ އަރަބިއްޔާއަށްވުރެ ބޮޑު ސަރަހައްދެއް. ޒަމާނުއްސުރެ ފެށިގެން ދިވެހިން އަބަދުވެސް އައީ އިންޑިއާ ކަނޑުގައި މަސައްކަތްކުރަމުން، ދަތުރު ކުރަމުން، ވިޔަފާރިކުރަމުން، ދިރިއުޅެމުން، މި ކަނޑަކީ އަޅުގަނޑުމެންގެ ކަނޑު، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން، އަޅުގަނޑުމެންގެ ސިފައިން މިތިބީ އަޅުގަނޑަށް ޔަގީން ކަށަވަރު މި ރާއްޖޭގެ މިނިވަންކަން ކުޑަމިންވަރަކަށްވެސް ދޫކުރާކަށެއް ނޫން، އިރާދަ ކުރެއްވިއްޔާ އިންޑިއާ ކަނޑުގައި ދިވެހިން އަބަދުވެސް ދެމި ތިބޭނީ ވަރުގަދަކަމާއެކީގައި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.