ހާއްސަ ދުއާއަކާއެކު، ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ އިހުތިފާލު ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ބާއްވައިފިއެވެ.
މި އިހުތިފާލު ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވީ މިއަދު ހެނދުނު 6:00 ގައެވެ. މާލޭގައި ބޭއްވި އިހުތިފާލުގައި ޖުމްހޫރީ މައިދާނުގައި ހުރި ކޯއްޓޭއަށް ދިވެހި ދިދަ ނަގައިދިނީ ގައުމީ ދިފާއީބާރުގެ އޮފިސަރުންނެވެ.
މާލޭގައި ބޭއްވި އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އިހުތިފާލުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދުދީދީ އާއި، މިނިސްޓާ އޮފް ހޯމް އެފެއާޒް އައްޝައިހު އިމްރާން އަބްދުﷲ އެވެ.
މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއިއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އިތުރުން ދައުލަތުގެ ވަޒިރުން ބައިވެރިވެވެވަޑައިގެންނެވި އެވެ.
ރާއްޖޭގައި ތިއްބަވާ ބޭރުގައުމުތަކުގެ ސަފީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން މި އިހުތިފާލުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިހުތިފާލުގައި އިސްވެ ދުއާ ކޮށްދެއްވާފައި ވަނީ މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ އިމާމް އައްޝައިހު ނަސްރުﷲ އަލީއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިނިވަންދުވަހުގެ ދިދަނެގުމުގެ އިހުތިފާލު ބާއްވާފައި ވަނީ އެރަށެއްގައި ހުންނަ ސަރުކާރުގެ އެންމެ އިސް އިދާރާގައެވެ.
މިނިވަންކަމަށް 55 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.
އެމަނިކުފާނު ކުރެއްވި ތަހުނިޔާގެ ޓުވީޓުގައި ދިވެހިންނަކީ ހުރިހާ ގޮތަކުންވެސް މިނިވަން އަދި އުފާވެރި ބަޔެއްގެ ގޮތުގައި އަބަދަށް ލެއްވުން އެދިވަޑައިގެން ދުއާކުރައްވައިފައި ވެއެވެ.
މިނިވަން ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ.
ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް