މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތުމަތު ރިހުލާގެ ފުރަތަމަ ދަރިފުޅު ޔޫންއަކީ ހިތުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ އަށް މަހުގެ ތުއްތު ކުއްޖެކެވެ. އެކުއްޖާ މީގެ ކުރިން ވެސް ވަނީ އިންޑިއާއިން ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. އެއީ ޔޫން އުފަންވިތާ ދެވަނައަށްވީ ދުވަހު އެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި އެ އޮޕަރޭޝަން ކުރީ ކުއްޖާގެ ހިތުގެ ފާތްފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކޮށްގެންނާއި ފުއްޕާމޭ ސްޓިފް ވެފައި ހުރުމުންނެވެ.

އެ އޮޕަރޭޝަނުން ޔޫންއަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ލިބުނު ނަމަވެސް މިފަހުން ހެދި ފޮލޯއަޕަކުން އިތުރު މައްސަލަތަކެއް ހުރިކަން ވަނީ އެނގިފަ އެވެ. އެއީ ޔޫންގެ ހިތުގެ އޮޕަރޭޝަން ކޮށްފައި ގުޅުވާފައި އިންނަ ނާރު މަޑުމަޑުން ބެދެމުން އަންނަ ކަމެވެ. އޭގެ ސަބަބުން ހިތުގެ ލޭގެ ޕްރެޝަރު ވެސް ހުންނަން ޖެހޭ ވަރަށްވުރެ އިތުރު ވެފައިވާކަން ފާހަގަވި އެވެ.

ޔޫންގެ މަންމަ ރިހުލާ ބުނާ ގޮތުގައި، ފޮލޯއަޕުން ފާހަގަވި ކަންކަމަށް ދަރިފުޅަށް ފުރަތަމަ ފަރުވާ ދެމުން އައީ ރާއްޖެއިންނެވެ. ނަމަވެސް ހާލަތު ގޯސްވެ، ޔޫންގެ ހިތުގެ ވާތްފަޅި ވަރަށް ބޮޑަށް ފުއްޕާފައި ބޮޑުވެ، ގުޅުވާފައި އިން ހޮޅިވެސް ބެދެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން ޔޫން އަށް ފަރުވާ ކުރަން އަމްރިތާ އަށް ދިއުމަށް އާސަންދަ ވެސް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ކުރިން ޔޫން އަށް ފަރުވާކުރި ޑޮކްޓަރު ޑރ. ސުނިލް މިހާރު ބަލި މީހުން ބަލަމުން އަންނަނީ އެހެން ހޮސްޕިޓަލެއްގަ އެވެ. އެ ހޮސްޕިޓަލަކަށް އާސަންދައެއް ނުލިބެ އެވެ. އެހެންކަމުން ފަރުވާއަށް ގާތްގަނޑަކަށް 6000 އެމެރިކާ ޑޮލަރު އެބަ ބޭނުންވެ އެވެ. އެހާ ބޮޑު ހަރަދެއް ކުރެވޭނެ ބާލީ ތަނަވަސްކަން ޔޫންގެ މައިންބަފައިންގެ ކިބައިގައި ނެތުމުން އެ ދެމެފިރިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ޔޫންގެ ފަރުވާއަށް އާންމުންގެ އެހީތެރިކަން ލިބެމުން ދިޔަ ނަމަވެސް ރާއްޖެއިން ބޭރަށް ގެންދިއުން ލަސްވާތީ ދެމަފިރިން ދަނީ ކަންބޮޑުވަމުންނެވެ. ދަރިފުޅަށްޓަކައި ދެމަފިރިން ދަނީ އެތަން މިތަނުގައި އާދޭސް ކުރަމުންނެވެ. އެންމެ ފަހުން ޔޫން ގޮވައިގެން އޭނާގެ މައިންބަފައިން ވަނީ އެހީތެރިކަމެއް ދޭތޯ އާދޭސް ކުރަން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު "މުލިއާގެ" ކައިރިއަށް މިއަދު ގޮސްފަ އެވެ. ނަމަވެސް އެއްވެސް ބޭފުޅަކާ ބައްދަލެއް ނުވެ އެވެ.

މުލިއާގެ ކުރިމަތީގައި ޔޫން އުރައިގެން ހުރެ ޔުނާން ރެކޯޑްކޮށް ސޯޝަލް މީޑިއާއާ ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނީ، މުލިއާގެއަށް ކައިރިއަށް ދިޔައީ ވަރަށް ގިނަ ތަންތަނަށް އާދޭސްކޮށް އަލިމަގެއް ނުފެނިގެން ކަމަށެވެ. "މަސައްކަތް އެބަކުރެވޭ. އަހަރެންގެ ދަރިފުޅަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބަކުރަން. ނަމަވެސް ސަރުކާރުން ވެސް އެއްވެސް ތަނަކުން ލިބެންޖެހޭ އެއްބާރުލުމެއް ނުލިބޭތީ ހަމައެކަނި އެ ވާހަކަ ބުނެލަން ބޭނުން ވަނީ،" ޔުނާން ބުނެފައިވެ އެވެ.

ޔުނާންގެ މި އަޑު އެތައް ބަޔަކު ވަނީ އަހައިފަ އެވެ. އެއާއެކު ޔޫންއަށް އެހީތެރިވުމަށް ސަރުކާރަށް ގޮވާލާ ގޮވާލުމުގެ އަޑު ވަނީ ގަދަވެފަ އެވެ. އަދި މި ސަރުކާރުން ވެފައިވާ ބޭސްފަރުވާއަށް ސަލާން ޖެހުމުގެ ސަގާފަތް ނައްތާލާނެ ކަމުގެ ވައުދު ގިނަ ބަޔަކު ދަނީ ހަނދާންކޮށް ދެމުންނެވެ.