އުރީދޫ މޯލްޑިވްސް އިން އެޕަލްގެ ބާރުގަދަ އަދި އެންމެ އަގުހެޔޮ ފަހުގެ އައިފޯން އެސްއީ މިއަދު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ފަހުގެ އެހެން އައިފޯނުތަކާ އަޅާ ބަލާއިރު ސައިޒުން ކުޑަ ކަމުގައި ވީނަމަވެސް މި ބާރުގަދަ ފޯނު ފަރުމާ ކުރެވިފައިވަނީ ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ އޭ13 ބައޯނިކް ޗިޕް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން އައިފޯން މޮޑެލްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިންގަލް ކެމެރާ ސިސްޓަމް ހަރުކުރެވިފައިވަނީވެސް އައިފޯން އެސްއީގައެވެ.

އުރީދޫން ބުނީ، އައިފޯން އެސްއީ (ޖެން 2) ގެ އަގަކަށް ގަންނަން ލިބޭނެ ކަމަށެވެ. އެއީ 128 ޖީބީގެ ފޯނު 9399 ރުފިޔާ އަށް އަދި 256 ޖީބީގެ ފޯނު 11499 ރުފިޔާ އަށެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަގްވާމީ މާކެޓަށް ތައާރަފްކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުން އެންމެ އަވަހަށް ގަތުމަށް އަބަދުވެސް ޝައުގުވެރިވާ ބަޔަކަށްވާއިރު އުރީދޫ ކަސްޓަމަރުންނަށް އައިފޯނުގެ ބާރުގަދަ އަދި އެންމެ އަގުހެޔޮ އައިފޯން އެސްއީ ގަނެވޭނެ މަގު ފަހިކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

އުރީދޫން ބުނީ، މިއަދު ލޯންޗުކުރި އައިފޯން އެސްއީ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ގެންގޮސްދެވޭނެ ކަމަށެވެ.