މިމަހު 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވައިލުމާ ގުޅިގެން އަނބުރާ ގައުމަށް ދާން ބޭންވާ ބިދޭސީންނަށް ފަސޭހަ އިިންތިޒާމުތަކެއް ހަމަޖައްސައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ކޮވިޑްގެ ހާލަަތަށްފަހު، ބައިނަލް އަގުވާމީ ދަތުރުފަތުރުތަކަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމުން ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އިތުރުން، ވިސާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާކަން އެނގިފައިވާ ކަމަށެވެ.
އެހެންކަމުން އެފަދަ ފަރާތްތަކަށް ފަސޭހަ ކަމާއެކު ރާއްޖޭން ފުރައިގެން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އެގޮތުން މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާ ހުރެ ރާއްޖެއިން ފުރައިގެން ދިއުން މަނާ ކުރެވިފައި ނުވާ ފަރާތްތައް، ރާއްޖޭން ފުރިގެން ދިއުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ އެފަދަ ފަރާތްތަކުން IM07 ފޯމް ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާ އެކުގައި އެއާޕޯޓް އިމިގްރޭޝަނަށް ހުށަހެޅުމުން، ފސޭހަކަމާއެކު ފުރައިގެން ދެވޭނެ ކަމަށެވެ. މި ފޯމު އިމިގްރޭޝަންގެ ވެބްސައިޓް www.immigration.gov.mv އިން ޑައުންލޯޑު ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ މޮނީޓަރިން ސެކްޝަނުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖެއަށް ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވެފައި ތިބި އެތައްސަތޭކަ ބަޔަކު ވޭތުވެދިޔަ ދުސްތަކުގައި އެމީހުންގެ ގައުމުތަކަށް ވަނީ ފޮނުވައިލައިފައެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، އަމިއްލައަށް އެނބުރި ގައުމަށް ދާން ބޭނުންވާ އެތައްހާސް ބިދޭސީންނެއް ރާއްޖޭގައި އެބަތިބި ކަމަށެވެ. ޓާގެޓަކީ މިއަހަރު ނިމޭއިރު، 20،000 ބިދޭސީން ފޮނުވައިލުން ކަމަށްވެސް މިނސިްޓަރު ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން