ކޯވިޑް 19 އާ ގުޅިގެން މާލީ ހާލަތު ދަށަށް ދިޔަ 100 ބެކްގްރައުންޑް ނެށުންތެރިޔަކަށް ބޮލީވުޑްގެ މަޝްހޫރު ބަތަލު ރިތިކް ރޯޝަން، އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެގޮތުން ރިތިކް ވަނީ އެ 100 ނެށުންތެރިންގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްދީފައެވެ. ހާލުގައި ޖެހިފައިވާ ނެށުންތެރިންގެ މައުލޫމާތު ރިތިކް ހޯދީ އިންޑިއާގެ ކޮރިއޮގްރާފަރެއް ކަމަށްވާ ބޮސްކޯ މާޓިސްގެ އެހީތެރިކަމާ އެކު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރިތިކް އެހީތެރި ވި 100 ނެށުންތެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމީހުންނަށް އާމްދަނީ ލިބޭ ގޮތެއް ނެތުމުގެ ސަބަބުން ތިބޭ ތަނަށް ކުލި ދެއްކޭނެ ގޮތެއް ނެތިގެން އަނބުރާ އެމީހުންގެ އަސްލު އަވަށަށް ގޮސްފައެވެ.

ބޮލީވުޑްގެ ބެކްގްރައުންޑް ނެށުންތެރިން ގެންގުޅޭ ރާޖު ސުރާނީ ބުނީ އެހާ ދަތި ހާލުގައި ދިރިއުޅެމުން ދަނިކޮށް ރިތިކް ރޯޝަން އެހީތެރިވެދިން ކަމުގެ މެސެޖް ލިބުމުން ހުރިހާ ނެށުންތެރިން ތިބީ ވަރަށް އުފަލުން ކަމަށާއި އެމީހުން ހިތުގެ އެންމެ ފުންމިނުން ރިތިކް އަށް ޝުކުރު އަދާކުރި ކަމަށެވެ.