ޚަބަރު

މެދުފަންތީގެ މީހުންނަށް އަމާޒުކޮށް ފްލެޓް ހަދަން ހުޅުމާލެ އިން ހަތަރު ބިމެއް ދޫކުރަން އިއުލާނުކޮށްފި

އަލީ ޔާމިން

13

މެދުފަންތީގެ މީހުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި އެޕާޓްމަންޓް ބިލްޑިންތަކެއް ހަދައި، އެތަންތަން ވިއްކާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއްޔެ އިއުލާންކޮށްފިއެވެ.

އެ އިއުލާނުގައިވާ ގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ "މިކްސްޑް ރެޒިޑެންޝަލް ބިލްޑިން"ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިން އިމާރާތްކުރުމަށް އަންނަ ސެޕްޓެމްބަރު މަހުގެ 24ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހެއެވެ.

ހުޅުމާލޭގެ ޕްލެޓިނަމް ބިލްޑިންގް ކައިރި އާއި ރެނާޓަސް ފްލެޓުތައް ހުރި ސަރަހައްދުގައި އަލަށް ހަދަނީ 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އެއް އިމާރާތެކެވެ. މީގެ ތެރެއިން ތިން އިމާރާތް ހަދަނީ ޕްލެޓިނަމް ފްލެޓުތައް ހުރި ސަރަހައްދުގައެވެ. އަދި ހަތަރު އިމާރާތުގެ ތެރެއިން 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ 12،294.10 އަކަފޫޓެވެ. ބާކީ ތިން އިމާރާތުގެ ބޮޑުމިނުގައި އުޅެނީ ގާތްގަނޑަކަށް 24،000 އަކަފޫޓާއި 30،000 އަކަފޫޓު އަދި 26،000 އަކަފޫޓެވެ.

އިއުލާނުގައިވާ ގޮތުން މި އިމާރާތްތަކުގައި ހިމެނޭނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެ އިމާރާތްތަކުގެ ކޮންމެ އިމާރާތެއްގެ 60 ޕަސެންޓު ހާއްސަކުރަން ޖެހެނީ މެދުފަންތީގެ އާއިލާތަކަށް ކަމަށެވެ.

"މެދުފަންތީގެ އާއިލާތަކަށް ހާއްސަކުރެވިފައިވާ އިމާރާތްތަކެއް މިއީ. އެގޮތުން 60 ޕަސަންޓް އެފަދަ ފަރާތްތަކަށް އެބަ ހާއްސަ ކުރެވޭ. ދެން ފްލެޓުތައް ވިއްކާއިރު ވެސް އަކަފޫޓަކަށް ޖެހޭވަރު 2،400ރ. އަށްވުރެ ބޮޑުކޮށްގެން ނުވާނެ،" ސުހައިލް ވިދާޅުވިއެވެ.

އެ އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ފަރާތެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަންޖެހޭ އިރު، ބޭރުގެ ފަރާތެއް ނަމަ ބިޑް ސެކިއުރިޓީގެ އަގަކީ އެއްލައްކަ ޑޮލަރެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، ހުށަހަޅާ ޕްރޮޕޯސަލްތަކާ ބެހޭ މައުލޫމާތު ދޭނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށާއި ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 13 އެވެ. ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 27 ކަމަށް އެޗްޑީސީން ބުނެއެވެ.