ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ﷲ ތައާލާގެ ހަޒުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށެވެ.

"އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަހެވެ. ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ އިހުލާސްތެރިކަމަކީ އެންމެހާ އަޅުކަންތައް ގަބޫލުވުމުގެ ޝަރުތު ކަމަށާއި އިހުލާސްތެރިވެ ކުރާ ހެޔޮ އަމަލުން މެނުވީ އާހިރަތްދުވަހުގެ ބާއްޖަވެރިކަން ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރާ އަޅުކަމަކީ ހަމައެކަނި ﷲ ތައާލާއަށް ކުރާ އަޅުކަމަކަށް ހަދަން ޖެހޭނެއެވެ. އަދި ޝިރުކު ކުރުމާއި ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރީއަވާންޖެހޭނެއެވެ. އިހުލާސްތެރިކަން ފުނޑުކޮށް ކިލަނބުކޮށްލާ ފަދަ އެންމެހާ ކަންކަމުން ދުރުވެ، ރައްކާތެރިވާންޖެހޭނެއެވެ. ދެއްކުންތެރިކަމާއި އަޑުއެރުވުން ފަދަ ކުޑަ ޝިރުކުތަކަށް ޖާގަ ދީގެން ނުވާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެފައިވާ އެތައް ބަޔަކަށް، ހައްޖަށް ދެވޭގޮތް ނުވި ކަމުގައިވިޔަސް، ފަރުޟު ހައްޖުވުމަށް ނިޔަތް ގަނެ، އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ފަރާތްތަކަށް ﷲގެ ހަޒުރަތުން ދަރުމައާއި ސަވާބު ހޯދުމުގެ މަގު ތަނަވަސްވެފައިވާ ކަމަށެވެ.

"ﷲގެ ރަހުމަތުން އުންމީދު ކަނޑާނުލާށެވެ. އެކަލާނގެ ރަހުމަތް އަޅުގަނޑުމެންގެ މައްޗަށް ތަނަވަސްވެގެންވެއެވެ. އަމިއްލަ ގައުމުގައި، އަމިއްލަ ވަޒަނުގައި ތިބި ކަމުގައިވިޔަސް ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ދަރުމައާއި ސަވާބު ލިބިގަތުމަށް މަސައްކަތްކުރުމުގެ މަގު ވަނީ އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވައިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ރޯދަ ހިފުމާއެކު ދުއާކޮށް، ގައުމާއި މުޅި އިންސާނިއްޔަތު މި ބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ހަޒުރަތުގައި ދެންނެވުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.