ޅ. ކުރެންދޫ ހޯމް ކަރަންޓީންގައި ހުރި ބަންގްލަދޭޝް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އާއިޝަތު ވިޝާމާ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އޭނާ ޕޮޒިޓިވްކަން އެނގުނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.

ވިޝާމާ ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަަށަށް އައިސް ކަރަންޓީންގައި ހުރި ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ވިޝާމާ ދެއްވައިފައެއް ނުވެއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން ކުރެންދޫ ހެލްތު ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް މުހައްމަދު ވިދާޅުވީ، ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހާއާ އެއް ކޮޓަރިއެއްގައި އޭނާއާއެކު މާލެއިން އައި އެހެން ބަންގްލަދޭޝް މީހަކުވެސް ކަރަންޓީނުގައި ހުރި ކަމަށެވެ. ނަމަވެސް އެމީހާ ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންވާނީ ޕޮޒިޓިވްވި މީހާއާއި އަނެއް މީހާއާ ވަކި ކުރެވި، ޕޮޒިޓިވް މީހާ ވަކިން ކޮޓަރިއަކަށް ލެވިފައި." އިބްރާހިމް ވިދާޅުވިއެވެ.

ޅ. ކުރެންދޫއިން ބަންގްލަދޭޝް މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ބ. އޭދަފުށީ ހޯމް ކަރަންޓީންގައި ހުރި ދެ މީހަކުވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ 17 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3120 އަށް މިހާރު ވަނީ އަރައިފައެވެ.