އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ އެއްވެސް މިންވަރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައިވާ ކަމުގެ ކޮޅުމައްޗެއް ފެނިފައިނުވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ އަހުމަދު އަސްއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރިޝްވަތުގެ ގޮތުގައި ރައީސް ސޯލިހަށް 37 މިލިއަން ރުފިޔާ ދެއްވިކަމަށް ބައެއް މީޑިއާތަކުގައި މިދިޔަ އަހަރުގެ ތެރޭގައި ވަނީ ރިޕޯޓް ކޮށްފައެވެ. އެ ތުހުމަތު އިދިކޮޅު ޕީޕީއެމުންވެސް ކުރިއެވެ. ނަމަވެސް ރައީސް އޮފީހުން އެ ތުހުމަތުތައް ދޮގުކޮށްފައިވާއިރު، ރައީސް ސޯލިހާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ބަލަމުންނުދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް މިދިޔަ އަހަރު ބުނެފައިވެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހިޔާނާތުގެ އެއްވެސް ފައިސާއެއް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވިތޯ ނޫސްވެެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަނުގެ ރައީސް އަސްއަދު ވިދާޅުވީ، ރައީސް ސޯލިހާ ގުޅިގެން އެފަދަ އެއްވެސްކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
"ހިޔާނާތުގެ ފައިސާ ދައުރުވި ގޮތާއި، އަދި އެއްވެސް ފަރާތެއްގެ ހެކި ބަހުންވެސް، އެފަދަ ފައިސާއެއް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވިކަމުގެ އެއްވެސް އިޝާރާތެއްވެސް ލިބިފައެއްނުވޭ،" އަސްއަދު ވިދާޅުވިއެވެ.
މީގެ އިތުރުން އަސްއަދު ވިދާޅުވީ، ރައީސް ސޯލިހާ ގުޅޭގޮތުންވެސް އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ ތަހުގީގު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތެރެއިން، ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއަށް އަރާނެކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގުމަށް ބޭނުންކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ކުންފުނިން ފައިސާ ލިބުނުކަމަށް 155 ފަރާތެއްގެ ނަން އޭސީސީން އާއްމުކޮށްފައިވީ ނަމަވެސް، މިހާރު އެ އަދަދު 300 އަށް ވުރެ މައްޗަށް އަރާފައިވާކަމަށްވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަތީ ފަޑީގެ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު