އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ދޫކުރި 37 ރަށާއި 12 ފަޅު އެކި ފަރާތްތަކަށް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ ކޮރަޕްޝަންގެ ތެރެއިން ދޫކުރި ފަޅުތަކާއި ރަށްތައް ދީފައިވަނީ ޓުއަރިޒަމްގެ ގާނޫނުގައިވާ އިސްތިސްނާ ހާލަތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ. އެއީ ދައުލަތުން ހިއްސާވެގެން އަމިއްލަ ފަރާތްތަކާއެކު ރަށްތަކާއި ފަޅުތައް ތަރައްގީކުރެވޭ މޮޑެލްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށް ވެސް އަސްއަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި 37 ރަށާއި 12 ފަަޅާ ދީފައިވަނީ ގާނޫނީ އިމުގެ ތެރެއިން ނޫނޭ. އަޅުގަނޑުމެންނަށް އެންމެ ބޮޑުވި އެއް މައްސަލައަކީ މިއީ،" އަސްއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ 49 ރަށް ވަކިވަކިން ފެންނަން ހުރި ލިޔެކިޔުންތަކާއި އޭސީސީން ހޯދާފައި ހުރި ލިޔުންތައް ބެލުމުން މިކަމުގައި ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެކަން ރައީސް އިބްރާހިމް ސޯލިހަށްވެސް ދަންނަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އިސްތިސްނާ ހާލަތު ބޭނުންކޮށްފައި މި އޮންނަނީ، އެ އިސްތިސްނާ ހާލަތަކީ ސަރުކާރުން ޖޮއިންޓް ވެންޗާއެއް ސަރުކާރުގެ ކުންފުންޏަކާ ހަދައިގެން އެމްއެމްޕީއާރުސީއަށް ރަށް ދީފައި ހަމަ އެދުވަހު އެ މޭޒުމަތިން ރަށް ބަދަލުކޮށްލަނީ އެހެން މީހަކަށް،" އަސްއަދު ވިދާޅުވިއެވެ.

މިކަން ހިނގާފައިވާ ގޮތުން މިއީ ގާނޫނުގައި އޮތް ކަމެއް ފޮރުވަން ނުވަތަ އެކަން ވަށާލާފައި ދާން ކޮށްފައިވާ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ މިކަމަކީ ހުރިހާ އިދާރާތަކެއްގެ ބައިވެރިވުން އޮވެގެން ހިންގާފައިވާ ކަމެއް ކަމަށާއި އެގޮތުން އަމަލީ ގޮތުން ބައިވެރިވި އިދާރާތަކާއި އެކަމަށް ބަހެއް ނުބުނެ ދޫކޮށްލައިގެން ތިބުމުން ހިނގައިދިޔަ ކަމެއް ކަމަށެވެ. އަދި ވަކި ސެކްޓާއެއް ވަކި ބަޔަކު އިސްތިސްނާ ކުރެވެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

މިކަންކަން ކޮށްފައިވަނީ މީގެ ކުރިން އެކަންކަން ކުރެވޭނެ ގޮތްތައް ބަލައި ތަޖުރިބާ ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.