އެސެޓް ރިކަވަރީ ކޮމިޝަނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްއަދު ވިދާޅުވީ، އެސެޓް ރިކަވަރީގެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެއްވެސް ބައެއްގެ ނުފޫޒު އެކޮމިޝަނަށް ފޯރުވޭނެ ގޮތަކަށް ނޫން ކަމަށާއި ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ނުދޭނެ ކަމަށެވެ.
"ކޮމިޝަނަށް މިހާތަނަށް އެއްވެސް ބައެއްގެ ނުފޫޒު ފޯރުކޮށްފައެއް ނެތް. އެފަދަ މަސައްކަތެއްވެސް ކުރިކަން އެނގިގައެއް ނެތް،" އަސްއަދު ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ އެއް މައްސަލައަކީ ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައެވެ.
އެގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް 37 ރަށާއި 12 ފަޅު ގާނޫނާއި ހިލާފަށް ނުއަގުގައި ދޫކޮށްފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެއެވެ. އަސްއަދު ވިދާޅުވީ، އެ ރަށްތަކުން އެކަނިވެސް 3.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށާއި އަދި ފަޅުތައް ލުމުން ދައުލަކަށް ލިބެން ޖެހޭ އަދަދު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި މިހާތަނަށް އޭގެ ތެރެއިން ދައުލަތަށް ހޯދިފައިވަނީ ހަތަރުބައިކުޅަ ދެބަޔާ ގާތްކުރާ އަދަދެއްގެ ފައިސާ ކަމަށްވެސް އަސްއަދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ އަދަދު 300 އަށް އަރާ ކަމަށް އަސްއަދު ވިދާޅުވިއެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކަށް އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މައްސަލައިގައި މިހާތަނަށް ދެ މީހެއްގެ މައްސަލަ ކޯޓަށް ވައްދާފައިވާއިރު، އިތުރު ފަސް މީހެއްގެ މައްސަލަ ވަރަށް އަވަހަށް ކޯޓަށް ވައްދާނެ ކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މީގެ ކުރިން ނެރުނު ތަހުގީގު ރިޕޯޓުގައި ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ މީހުން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް މިނިސްޓަރުންގެ އިތުރުން ފަނޑިޔާރުންނާއި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި އެކްޒެކެޓިވް ލެވެލްގެ ބޭފުޅުންނާއި ސިޔާސީ ގޮތުން ނުފޫޒުގަދަ ބައެއް ބޭފުޅުންނާއި ބައެއް އާންމު ރައްޔިތުން ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު