ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ކޮރަޕްޝަނާ ބެހޭ ހަތް ދައުވާ އެ ކޯޓުން ބޭރުކޮށްލުމާ ގުޅިގެން ޕީޖީގެ ފަރާތުން އެ މައްސަލަތައް، އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅުމަށްފަހު އެ މައްސަލަތައް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށްވެސް ވަނީ އެދިފައެވެ.
ހައިކޯޓުގައި މިއަދު އޮތީ، އެ މައްސަަލަތަކުގެ ތެރެއިން އަދީބު ބަންދު ކުރުމުގެ އަމުރަކަށް އެދިފައިވާ މައްސަލައިގެ އަޑުއެހުމެވެ.
މިއަދު ހެނދުނު އަދީބު ގާނޫނީ ވަކީލަކާއެކު ކުރިއަށްގެންދަން ބޭނުންވާ ކަމަށާއި މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު ހަމަޖެއްސުމަށް އަދީބު އެދިވަޑައިގެންނެވުމާ ގުޅިގެން ހަވީރު 3:00 އާ ހަމައަށް ވަކީލަކު ހަމަޖެއްސުމަށް އަދީބަށް ފުރުސަތުދެއްވުމަށް 12:00 ހާއިރު ޝަރިއަތް މެދުކަނޑައިލިއެވެ.
ހަވީރު 3:00 ގައި ފަށަން އޮތް ޝަރީއަތް 4:00 ގައި ފެށިއިރު އަދީބުގެ ވަކީލެއްގެ ގޮތުގައި ވަނީ މަހްފޫޒު ސައީދު ހަމަޖައްސަވައިފައެވެ.
ޕީޖީގެ ވަކީލު ވިދާޅުވީ އަދީބު ބަނދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުނީ، ދެކަމެއް ފާހަގަކުރެވޭތީ ކަމަށާއި އެއީ އަދީބުގެ މައްޗަށް ބޮޑެތި ކުށްތަކެއްގެ ކުށެއްގެ ތުހުމަތުގެ އިތުރަށް، މީގެ ކުރިން ވެސް އަދީބު ފިލަން މަސައްކަތްކޮށްފައި ވާތީ، މި މައްސަލައާ ގުޅިގެން ވެސް އަދީބު ފިލުމުގެ އިހުތިމާލު އޮތުމުން ކަމަށެވެ.
އެކަމާ ގުޅިގެން އަދީބު ވިދާޅުވީ، ފިލަން އުޅުނު މައްސަލައިގައި، އޭނާ އަމިއްލަައަށް އެކަމަށް އިއުތިރާފުވެ، އެކަމާ ގުޅިގެން ކުރި ހުކުމުވެސް ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި އެއް ކުށަކަށް ދެ ހުކުމުކޮށްގެން ނުވާނެ ކަމަށެވެ. އަދި ހުކުމް ކުރައްވާއިރު، އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތް ކުރެއްމަށާއި، ރިމާންޑް ޖަލުގައި ބަންދުކޮށްފިނަމަ ހާލަތު ގޯސްވެދާނެ ކަމަށް ވިދާޅުވެ އަދީބުގެ ސިއްހީ ކަންތައްތަކާ ބެހޭ ބައެއް މައުލޫމާތުތައް ވެސް ޝަރީއަތުގައި ކިޔުއްވައިދެއްވިއެވެ.
އަދީބު ވިދާޅުވީ، ފިއްލެވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ދައުލަތުން ވާހަކަދައްކާ އިރު، އޭނާ ޖަލުގައި ބަހައްޓައިގެން ގާނޫނުތަކާ ހިލާފަށް ދައުލަތުން އެތައް ފަހަރަކު އަމަލުކުރި ކަމަށެވެ. އޭނާ ފަހުން ގެއަށް ބަދަލު ކޮށްފައި ހުރީ ސިއްހީ މައްސަލަތަކަކާ ގުޅިގެން ކަމަށާއި މިހާރު ވެސް އެ މައްސަލަތައް ހުރި ކަމަށް ވިދާޅުވެ، އެކަމުގެ ލިޔުންތައް އޭނާ ހުށަހެޅުއްވިއެވެ.
އަދީބުގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ، ފުލުހުން މިހާރުވެސް 24 ގަޑިއިރު އަދީބަށް ސެކިއުރިޓީދެމުން އަންނަ ކަމަށާއި ފުލުހުން އެކަން ކުރަނީ އަދީބުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި އަދީބު ދިރިއުޅުއްވާ ގޭގައި ކެމެރާ ބަހައްޓައިގެން ފުލުހުން ކޮމިޓާކުރަމުން އަންނަ ކަމަށާއި ފުލުހުންނާ ނުލައި އެއްވެސް ތަނަކަށް އަދީބަށް ނުދެވޭ އިރު، އަދީބު ފިލުމުގެ ފުރުސަތު ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައްސަލައާ ގުޅިގެން ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ރިމާންޑް ޖަލުގައި އަދީބު ބަންދު ކުރުމަށް ކޯޓުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަމުރު ނެރުއްވީ، ހަވީރު 4:00 ގައި ޝަރީއަތުގެ މަޖިލިސް މެދުކަނޑާލެއްވުމަށްފަހު، ހަވީރު 5:00 ގައި އަލުން ޝަރީއަތުގެ މަޖިލިސް ފެއްޓެވުމަށްފަހުގައެވެ.
ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިއްވެވި އަމުރުގައި ވަނީ، ހައިކޯޓަށް ހުށަހެޅިފައިވާ ގަޒިއްޔާތަކުގެ ޝަރީއަތް ނިމެންދެން ނުވަތަ އެހެން ގޮތަކަށް ހައިކޯޓުން ކަނޑައަޅަންދެން ކ.މާލެ، ހ.ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު (ގާނޫނު ނަންބަރު 2013/14 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު)ގައި ކަނޑައަޅާފައިވާ ފަދަ ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު