ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެމަނިކުފާނަށް އަރުވައިފި އެވެ.

އެކަން ހާމަކުރެއްވީ ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ގާއިމްކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެވެ.

"ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރަން ފަށައިފިން،" ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް ރައީސް އަށް އަރުވާފައިވާއިރު އެ ކޮމިޝަނުން މިއަދު ހަވީރު 4:00 ގައި ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނެއް ރައީސް ސޯލިހު އެކުލަވާލެއްވީ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޑިސެމްބަރު، 4، 2018ގަ އެވެ. ރައީސްގެ ގަރާރަކުން އުފެއްދި އެ ކޮމިޝަންގެ މަގްސަދަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ބެލުމަށެވެ.

އޭގެ އިތުރުން އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމުކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީ ކަމަށް ކަމަށް ކޮމިޝަން އުފެއްދި ގަރާރުގައި ބުނެފައިވެ އެވެ.