ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ޝުކޫރު ދެ މަސް ދުވަހަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޝުކޫރުގެ މައްޗަށް ތަހުގީގުކުރަމުން އަންނަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުގެ ގާނޫނީ ވަކީލަކާ ގއ. ވިލިނގިލީގައި ޝުކޫރު ބައްދަލުކުރި ކަމަށް ހުށަހަޅާފައިވާ މައްސަލަ އާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެއަހަރުގެ ސެޕްޓެމްބަރު މަހުގައި ވިލިނގިލީ ސީނާގޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވަނިކޮށް، "ދެން ގެނަޔަސް 15 ދުވަސް ޖަހާނެ ކަމަށް" އެމީހުންނާ ދިމާލަށް ޝުކޫރު ބުނެފައިވާ މައްސަލަ އާއި 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ވިލިނގިލީ ކެފޭއެއްގެ ތެރޭގައި މީހަކާ ދިމާއަށް "އަހަރެމެން ކޮޅަށް ވޯޓު ލިބޭނެހޭ" ބުނެ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާކަން ފާޅުކޮށްފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލަވެސް ހިމެނޭ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ މި މައްސަލަތަކުގެ ތަހުގީގަށް ޝުކޫރުގެ ބަޔާން ނަގައި މައްސަލައިގެ ތަހުގީގު އެ ކޮމިޝަނުން ކުރިއަށްގެންދާ ކަމަށެވެ.
ޝުކޫރުގެ އިތުރުން ޖޭއެސްސީން މިއަދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވެސް ދެ މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.
ޝުޖާއު ސަސްޕެންޑްކޮށްފައިވަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ.ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތްކުރި މައްސަލަ އާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ހުށަހެޅިފައިވާ މައްސަލައިގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު