ތިލަފުށީގައި އޮންނަ އެމްޓީސީސީގެ ޑޮކްޔާޑަކީ ބައިނަލްއަގްވާމީ އުޅަނދުތަކަށް ހިދުމަތް ދެވޭނެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ޑޮކްޔާޑަކީ ދުނިޔޭގެ ފެންވަރުގައި ގިންތި ކުރެވި އަދި ބައިނަލްއަގްވާމީ އުޅަނދުތަކަށް ވެސް ހިދުމަތް ދެވޭނެ ތަނަކަށް ހެދުމުގެ ގިނަ މަސައްކަތްތަކެއް ކޮށް ނިމިފައިވާ ކަމަށެވެ.
ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ކާރިސާގެ ސަބަބުން އެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ޓްރޭޑް ޑިވިޝަންއަކީ ވަރަށް ގާބިލު ޑިވިޝަނެއް ކަމަށާއި އަމާޒަކީ ކުރިޔަށް އޮތް ހަތަރެއް ނުވަތަ ފަސް އަހަރުގެ ތެރޭގައި ޓްރޭޑް ޑިވިޝަންގެ ވިޔަފާރި ދެގުނަ ނުވަތަ އެއަށްވުރެ ވެސް އިތުރު ކުރެއްވުން ކަމަށެވެ.
އޭގެ އިތުރުން އެމްޓީސީސީއަކީ މިއަދު ކޮންސްޓްރަކްޝަން މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުންޏަކަށްވާއިރު އެކަމަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުންނާއި ޒަމާނީ މެޝިނަރީޒް ހޯދުމަށް ވެސް ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެގޮތުން މުވައްޒަފުން ތަމްރީން ކުރުމަށް ޕްލޭންތަކެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފްލީޓުގައި ބާވެފައި ހުރި އެއްޗެހި ނައްތާލައި އާ އެއްޗެހި ހޯދުމަށް ބޯޑާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ