ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު 267 މީހަކަށް ކުރެވޭ ކަމަށް ކުރިން ހާމަކޮށްފައިވީ ނަމަވެސް މައްސަލަތައް މިހާރު ބަލަމުން އަންނައިރު އިތުރު މައްސަލަތަކެއް ވެސް ފާހަގަކުރެވެމުން އަންނަ ކަމަށާއި އެހެންކަމުން ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މި މައްސަލައިގެ ޒާތުން އަޑިއަށް ފީނާ ވަރަކުން އަދިވެސް ފެންނާނެ. މައްސަލަ ބަލަމުންދާއިރު އިތުރު މައްސަލަތުގެ ކުރިފަޅާ. މި ލިސްޓު ވެސް އިތުރުވުން އެކަށީގެންވޭ. ވަރަށް ބައިވަރު މަސައްކަތްތަކެއް އަދިވެސް އެބަހުރި ކުރިއަށް ކުރަން." ޝިއުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ދައުވާކުރަން ފޮނުވާނެ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއް ދައުވާކުރުމަށް ފޮނުވޭނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ހަތަރު ތަނެއް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ބަލައި ފާސްކޮށްފައެވެ. އޭސީސީގެ ރައީސާ ވިދާޅުވީ، މި މައްސަލައިގެ މުޅި ތަހުގީގު ފުރިހަމަކުރުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނު ކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި ފަސް ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަތީ ފަޑީގައި ތިބި ބައެއް ބޭފުޅުންނާއި ފަނޑިޔާރަކު ވެސް ހިމެނޭ ކަމަށް ތަހުގީގީ އިދާރާތަކުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު