ވ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްގައި ބިދޭސީ މަސައްކަތްތެރިން އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި 22 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވ. އަތޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓެއްގައި މަސައްކަތްކުރާ ބައެއް ބިދޭސީ މަސައްކަތްތެރިން މަސައްކަތަށް ހުރަސްއަޅައި، އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން 22 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގުކުރުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން މިއަދު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ރޭ ބުނީ އެ ރަށުގައި ހިންގި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ނަމަވެސް އެ ހަމަނުޖެހުމުގައި އެމީހުންގެ ސުޕަވައިޒަރުގެ ރޫމަށް ގެއްލުން ދީފައިވާ ކަމަށެވެ.
މިމަހުގެ ދެވަނަ ދުވަހު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ވެސް ބިދޭސީންތަކެއް ވަނީ ހަމަނުޖެހުން ހިންގައި ބައެއް ދިވެހިން ރަހީނުކޮށް، މުދަލަށް ގެއްލުންދީފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ 19 ބިދޭސީން ހައްޔަރުކޮށްފައެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އެޅުމުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެެރިންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން މިމަހުގެ 13 ވަނަ ދުވަހު ވަނީ ހަމަނުޖެހުންތަކެއް ހިންގައިފައެވެ. އެ މައްސަލައާ ގުޅިގެން 41 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު